އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުން ނަގާ ޓެރިފް އުވާލަން މަޝްވަރާކޮށްފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެކަމާ ބެހޭ ގޮތުން މަޝްވަރާކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިނގިރޭސި ޚާރިޖީ އޮފީހުގެ މިނިސްޓަ ފޯ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިގު އަހުމަދުއާ މިއަދު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް 26ގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މަޝްވަރާގައި އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމުގެ އިތުރުން އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން ލޯޑް އަހުމަދުއާއި މިނިސްޓަރު ޝާހިދު މަޝްވަރާކުރެއްވި ކަމަށެވެ. މީގެ އިތުރުން ވެސް ދެ ގައުމުގެ ދެމެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި، ދެ ގައުމަށް މުހިއްމު އެހެނިހެން ބައެއް ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވި އެ މިނިސްޓްރީން ބުންޏެވެ.