ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދޫކޮށްލަން ފަސޭހަ އާދައެއް ނޫނެވެ. އެއީ ކިހާ އުނދަގޫ ކަމެއްކަން، އެނގޭނީ ދުންފަތަށް ދެވިހިފާފައިވާ މީހަކަށް އެކަންޏެވެ. ނަމަވެސް މި ލިޔުމުގައި މި ބަލާލަނީ މިކަންކަމާ އެކު ވެސް ދުންފަތާ ދުރުވާން އިތުރު ހިތްވަރެއް ލާންވީ ބައެއް ސަބަބު ތަކަށެވެ.
އަވަހަށް މުސްކުޅިވުމުގެ އަލާމާތްތައް ފެނުން
ގަވާއިދުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ އޭގެ ނޭދެވޭ އަސަރު ސިއްހަތަށް ކުރާ ކަމެއްކަން ސައިންސްގެ އެކި ހޯދުންތަކުން ވަނީ ދެނެގަނެވިފަ އެވެ. މިއީ ވެސް އެފަދަ ހޯދުމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ހަންގަނޑު އަވަހަށް ބަލިވެ ނުވަތަ ރޫޖެހި މުސްކުޅިވުމުގެ ފުރުސަތު ބޮޑެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނާރުތަކުގައި ކުނިޖެހެން މެދުވެރިވާ ސަބަބެކެވެ. އޭގެ ސަބަބުން ލޭގެ ހިނގުން ކިލަނބުކޮށްލަ އެވެ. މިއީ ހަންގަނޑުގައި ހިމެނޭ ސެލްސްތަކަށް ލިބެން ޖެހޭ އޮކްސިޖެން އާއި މުހިންމު އެހެން ނިއުޓްރިއެންޓްސް އެންމެ ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސް އަޅާ ކަމެކެވެ.
ދަތްތަކުގެ ހުދުކަން ފިލުން
މީހެއްގެ އެންމެ ހިތްގައިމު ސިފައަކީ ޔަގީނަށް ވެސް އެމީހެއްގެ ހިނިތުންވުމެވެ. ސާފު ހުދު ދަތްޕިލައެއް ހާމަވާ ހިނިތުންވުމެއްގެ ފައިދާ ވެސް ބޮޑެވެ. ހިނިތުންވާން ނޭނގުމަކީ އިޖުތިމާއީގޮތުން އޭގެ ނޭދެވޭ ގިނަ އަސަރުތަކެއް ތިމާގެ ދިރިއުޅުމަށް ކޮށްފާނެ ކަމެއް ވެސްމެ އެވެ.
މި ސަބަބު މިހެން އޮތްއިރު ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދަތް ނިކަން ފަސޭހައިން ހަޑިކޮށް އޭގެ ހުދުކުލައިގެ ހިތްގައިމުކަން ވައްޓާލާ ކަމެކެވެ. ޓޮބޭކޯ ޓާ އާއި ނިކޮޓިން އަކީ ދަތުގެ ހުދުކަން ނަގާލައި މަޑު ރީނދޫ ކުލައަކަށް އޭގެ ކުލަ ބަދަލުކޮށްލާ މާއްދާތަކެކެވެ.
ބޮލުން އިސްތަށި ފޭބުމާއި އަވަހަށް ނުރަވުން
ގަވާއިދުން ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ބޮލުން ގިނައިން އިސްތަށި ފައިބާކަމަށް ދިރާސާތަކުން ވަނީ އެނގިފަ އެވެ. ދިގުމުއްދަތަކަށް ދުންފަތުގެ އަޅަކަށް ބަދަލުވެފައިވާ ނަމަ އިސްތަށީގެ ފޮސިލްސްގައި ހިމެނޭ ޑީއެންއޭ އަށް ދުންފަތުގެ ވިހައިގެ އަސަރުކޮށް ހަލާކުވާ ކަމަށް ވެސް އެނގިފައިވެ އެވެ.