ޖަލުގައި ބަންދުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިސްލާމްއާބާދުގެ އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ސަރުކާރުން ނިންމައިފި އެވެ.
ޕާކިސްތާނުގެ ލޯ މިނިސްޓަރު އަޒާމް ނަޒީރު ތަރާރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ މި ނިންމެވުމަކީ ގާނޫނީ އިމުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުމެއް ނޫން ކަމަށެވެ. ގާނޫނު ބުނާ ގޮތުން ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިއަކަށް ސިއްހީ ފަރުވާ ދޭންޖެހޭނީ ޖަލުގައި ނުވަތަ ސަރުކާރުގެ އާންމު ހޮސްޕިޓަލެއްގައި ކަމަށާއި، ސަރުކާރުގެ ހޮސްޕިޓަލަކުން ފަރުވާ ނުދެވޭނެކަން ސާބިތުނުވާހާ ހިނދަކު އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އަމިއްލަ ހޮސްޕިޓަލެއްގެ ބަދަލުގައި ސަރުކާރުގެ ހޮސްޕިޓަލަކުން އިމްރާންގެ ސިއްހީ ތަހުލީލުތައް ކުރިއަށް ގެންދެވޭނެ ގޮތަށް އަމުރު އިސްލާހުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އަންގާރަ ދުވަހު އަމުރުކުރީ 48 ގަޑިއިރުގެ ތެރޭގައި 73 އަހަރުގެ އިމްރާން ޚާން އިސްލާމްއާބާދުގެ "ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލް" އަށް ބަދަލުކުރުމަށެވެ. އަދި އެ ހޮސްޕިޓަލުގައި ފަރުވާދޭއިރު އިމްރާންގެ އަމިއްލަ ޑޮކްޓަރާއި އާއިލާއަށް ބައިވެރިވެވޭނެ ގޮތް ހެދުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އިމްރާން ޚާން 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ރާވަލްޕިންޑީގެ އަދިއާލާ ޖަލުގައި ބަންދުކޮށްފައި ވާއިރު، އޭނާގެ ކަނާތުގެ ފެނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އާއިލާއާއި ވަކީލުން ވަނީ ބުނެފަ އެވެ. ނަމަވެސް ޖަލު އިދާރާއިން ބުނަނީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ދެމުންދާ ކަމަށާއި ފެނުން މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އިމްރާންގެ މައްޗަށް ސިޔާސީ ދައުވާތަކެއް ކުރަމުންދާ ކަމަށް އޭނާގެ ޕާޓީ (ޕީޓީއައި) އިން ތުހުމަތުކުރާއިރު، 2022 ވަނަ އަހަރު ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން ވެރިކަމުން ދުރުކުރެވުނު ފަހުން އިމްރާންގެ މައްޗަށް ގާނޫނާ ހިލާފަށް ކައިވެނިކުރެއްވި ކަމަށް ބުނާ މައްސަލައެއް ހިމެނޭހެން ގިނަ މައްސަލަތަކެއްގައި ވަނީ ދައުވާ އުފުލައިފަ އެވެ. މީގެ ތެރެއިން ބައެއް ހުކުމްތައް ބާތިލުކޮށްފައި ވާއިރު، އިމްރާން ވަނީ އެއިން އެއްވެސް ކުށަކަށް އިއުތިރާފުވެވަޑައިނުގެންފަ އެވެ.
އަންނައުނު ގަތުމުގައި ކުލަތައް އިހުތިޔާރު ކުރާނީ ކިހިނެއް؟
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
ރަޝިޔާއިން ރާއްޖެއަށް ފްލައިޓްތައް އިތުރުކުރަނީ