ސިކުނޑީގެ ދުޅަހެޔޮކަމަކީ އިންސާނާގެ ދިރިއުޅުމުގައި މުހިއްމު ކަމެކެވެ. އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތު ބަރޯސާ ވަނީ ސިކުނޑީގެ ހިނގުމަށް ކަމަށް ވާތީ އެވެ. ނަމަވެސް އަހަރުމެންގެ ދިރިއުޅުގައި ގެންގުޅެވޭ ވަރަށް އާއްމު އާދަތަކެއްގެ ސަބަބުން މި މުހިއްމު ގުނަވަނުގެ ދުޅަހެޔޮކަމަށް ގިނަ އަސަރުތަކެއް ކޮށް ވިސްނުން ކޮށި ކޮށްދެ އެވެ.

ހެނދުނުގެ ނާސްތާ ނުކުރުން

އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް ސިކުނޑިއަށް ވެސް ފައިދާހުރި މައުދަންތަކެއް ބޭނުންވެ އެވެ. މިފަދަ މައުދަންތައް ހަށިގަނޑަށް އެންމެ ގިނައިން ލިއްބައިދޭ ހެނދުނުގެ ނާސްތާނުކޮށް ދޫކޮށްލުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބުރޫ އަރާނެ ކަމެކެވެ.

ހަމަ ނިދި ނުލިބުން

އިންސާނާއަށް ރެއަކާދުވާލު މަދުވެގެން 8 ގަޑިއިރުގެ ނިދި ބޭނުންވާއިރު، އެދެވޭ ވަރަށް ނިދި ނުލިބުމަކީ ސިކުނޑި ވަރުބަލިވެ ސިކުނޑިން ކުރާ މަސައްކަތްތަކަށް ލަސްކަން އަންނާނެ ކަމެކެވެ. އެގޮތުން ހަމަނިދި ނުލިބޭނަމަ ހަނދާން ބަލިވެ، ވިސްނުމުގެ ބާރަށް އުނިކަން އާދެ އެވެ.

ބޯ ފޮރުވައިގެން ނިދުން

މޫނު މަތީގައި ބާލީސް އަޅައިގެން ނިދުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ އާދަ އެކެވެ. މި ކަމުގެ ސަބަބުން ސިކުނޑިއަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބި ހާސްވާ ގޮތް މެދުވެރިވެ އެވެ. އަދި ނިދުމަށް ވެސް ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަމައެކަނި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ އާދައެއް ކަމަށް ހީވެފައި އޮތް ނަމަވެސް މިއީ ސިކުނޑީގެ ސެލްތަކަށް ގެއްލުންދީ ޑިމެންޝިއާ އަދި އެލްޒައިމާސް ފަދަ ސިކުނޑީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ އާދަ އެކެވެ.

އިޖުތިމާއީ ގުޅުންތައް ކެނޑުން

އިޖުތިމާއީ ކަންކަމުގައި ބައިވެރި ނުވެ، އަމިއްލަ ނަފްސު އެކަހެރި ކުރުވުމަކީ ސިކުނޑީގެ ސިއްހަތަށް ވަރަށް ނުރައްކާތެރި ކަމެކެވެ. އިޖުތިމާއީ ކަންކުގައި ބައިވެރިވެ "ސޯޝަލައިޒް"ވުމަކީ ތަފާތު މީހުންނާ ބައްދަލުވެ، ސިކުނޑީގެ ވިސްނުމުގެ ބާރު ގަދަ ކޮށްދޭ ކަމެކެވެ.