ކ.އަތޮޅު ރަށެއްގެ ސްކޫލަކަށް ދަރިވަރަކު މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކ. އަތޮޅު ރަށެއްގެ ސްކޫލް ކުއްޖަކު، ސްކޫލަށް މަސްތުވާތަކެތި ގެނެސްފައިވާ ކަމުގެ މައުލުމާތު މިއަދު 11:34 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިމައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރަކު މަސްތުވާތަކެތި ގެންގޮސްފައި ވަނީ މާފުށީ ސްކޫލަށެވެ.

މާފުށީ ސްކޫލުގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވާއިރު އެކަމުގެ ޝަކުވާވެސް އެރަށުގެ ރައްޔިތުން ވަނީ ކޮށްފަ އެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ހެލުތް މިނިސްޓްރީއިން ވަރަށް ފަހުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނައިން މިހާރު އުޅެނީ ފަނަރަ އަހަރުން ދަށުގެ ކުޑަކުދިންނެވެ.