ބެއިޖިންގް (18 މެއި) - ޗައިނާގެ ކުންމިންގްއިން ފުރައިގެން ގުއާންޒޫއަށް ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ޗައިނާ އީސްޓަން އެއާލައިންގެ އެމްޔޫ 5737 ފްލައިޓް ވެއްޓެން މެދުވެރިވީ ކޮކްޕިޓްގައި އިން ފަރާތެއް ގަސްދުގައި ކުރި އަމަލަކުން ކަމަށް ތަހުގީގީ ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު 132 މީހުންނާއެކު ދަތުރުކުރި ބޮއެންގް 800-737 މަރުކާގެ އެބޯޓު ވެއްޓިފައިވަނީ ހުރި ސީދަލަށް ތިރިއަށް ދަތުރު ކުރުމަށްފަހު ފަރުބަދަމަތީ ހިސާބަކަށެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި އާއްމު ކޮށްފައިވާ ޕްލިމިނަރީ ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ މި ހާދިސާ ދިމާވީ ކޮކްޕިޓްގެ ކޮންޓްރޯލް އޮތް ފަރާތެއްގެ އިހުމާލުން ކަމަށެވެ.

"މަތިންދާ ބޯޓު ދަތުރުކުރީ އެއަށް އިރުޝާދު ދެވުނު ގޮތަށް،" އެ ނޫހުގައި އޮފިޝަލަކު ބުނެފައިވެ އެވެ.

ޓެކްނިކަލް މައްސަލައެއް ނުވަތަ މޫސުމީ ބަދަލެއް ފަދަ ބޯޓު ވެއްޓެނަ މެދުވެރިވެދާނެ ސަބަބެއް ކަޅުފޮށީގެ ރެކޯޑުތަކުން އެނގެން ނެތުމާއެކު އެ ދަތުރުގައި ބައިވެރިވި ކްރޫއިންގެ ތަހުގީގެއް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ބޯޓު ވެއްޓުނު ހާދިސާއަށްފަހު ހޯދި ކަޅުފޮށީގެ ރެކޯޑުތަކުންނާއި އެއާ ޓްރެފިކް ރިޕޯޓުތަކުން ވެސް ބޯޓު ވެއްޓުމުގެ ކުރިން ބޯޓުގައި އެއްވެސް މައްސަލައެއް އުޅޭ ކަމުގެ ރިޕޯޓު ޓަވަރަށް ދީފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ޗައިނާ އީސްޓަންގެ ފަރާތުން އެއްވެސް ބަހެއް ލިބިފައިނުވާއިރު ތަހުގީގަށް ހުރަސް އެޅިދާނެތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް އެ އެއާލައިންއިން ބުނެ އެވެ.

މި ހާދިސާއަކީ ގަސްދުގައި މެދުވެރި ކުރުވި ހާދިސާއެއް ކަމަށް ބެލެވޭއިރު ހާދިސާގައި ބޯޓުން ދަތުރުކުރި 132 މީހުން ވެސް ވަނީ މަރުވެފަ އެވެ. -- ޑެއިލީ މެއިލް