ކޮލަމްބޯ (18 މެއި) - އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ އެކި ސަރަހައްދުތަކުން މި ހަފްތާ ބަންދު ތެރޭގައި 10 ގަޑިއިރަށް ފެން ކަނޑާލަން ނިންމައިފި އެވެ.
ނެޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑުން ވިދާޅުވީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 10:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 08:00 އަށް އެކި ހިސާބުތަކުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އެގޮތުން ކޮލަމްބޯ 12 ،13، 14 އަދި 15 ސަރަހައްދުތަކަށް އެއްކޮށް ފެނުގެ ޚިދުމަތް މެދުކެނޑޭއިރު ކޮލަމްބޯ 1-11 މި ސަަރަަހައްދުތަކަށް ވަރަށް ދަށް ޕްރެޝަރުގައި ފެން ލިބޭނެ ކަމަށް އެ ބޯޑުން ބުނެ އެވެ.
އެ އިދާރާއިން އިތުރަށް ބުނީ ފެން ކަނޑާލަން ޖެހެނީ މެއިންޓެއިންނަސް މަސައްކަތެއް ކުރުމަށް ކަމަށާއި މިކަމުގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން އެންމެ އަސާސީ ހިދުމަތްތައް ވެސް މެދުކެނޑި އާއްމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފަ އެވެ.
އެގޮތުން އެކި ދުވަސް މަތިން ކަރަންޓު ކެނޑޭއިރު ޕެޓްރޯލާއި ޑީސަލްގެ އިތުރުން ކައްކާ ގޭސް ހޯދުމުގައި ވެސް އާއްމުންނަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. -- ނިއުސްވަޔާ