އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމުން އޭނާ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މިއަދު ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.

އަކުރަމް އިސްތިއުފާ ދެއްވައި ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ތަޅުމަށް ހުށަހެޅުމަށް ފާސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއް ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމާއި އެ މައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައިނުވާނެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަދި އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލް މައުލޫމާތު ހެއްކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކޮށްފައިވާނެ އެވެ،" އެ ސިޓީގައި އަކުރަމް ވިދާޅުވެފައިވެ އެވެ.

އަކްރަމްގެ މައްޗަށް ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. ނަމަވެސް އަކްރަމް ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.

އެނގިފައިވާގޮތުގައި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީއަށް ވެސް އަދި ފުލުހުންނަށް ވެސް ހުށަހަޅާފައެއް ނުވެ އެވެ.