ލަންޑަން (19 މެއި) - ޔޫކްރެއިންގައި ރަޝިއާއިން ކުރަމުން އަންނަ ހަނގުރާމައިގައި އެ ގައުމުން އެންމެ ޒަމާނީ ލޭޒާ ހަތިޔާރުތައް ބޭނުން ކުރަން ފަށައިފި އެވެ.

ރަޝިއާއިން އިއްޔެ ބުނެފައިވަނީ ޔޫކްރެއިންއިން ބޭނުން ކުރަމުން އަންނަ އަސްކަރީ ޑްރޯންތައް ހޯދައި، އެ ތަކެއްޗަށް ހަމަލާ ދިނުމަށްޓަކައި ލޭޒާ ހަތިޔާރުގެ ބޭނުން ކުރަމުންދާ ކަމަށެވެ.

މިއާއެކު ރަޝިއާގެ އަސްކަރިއްޔާގައި ހުރި އެންމެ ސިއްރުކަން ބޮޑު އަދި ނުރައްކާތެރި ހަތިޔާރުތައް ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރަން ފެށުނީ އެވެ. ރަޝިއާއިން މި ފިޔަވަޅު އަޅާފައިވަނީ ހުޅަނގުގެ އެހީތެރިކަމާއެކު ޔޫކްރެއިންގެ އަސްކަރީ ބާރު އިތުރުވެ ހަތިޔާރުތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މި ހަތިޔާރު ތަކަކީ 2018 ވަނަ އަހަރު ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިން އަސްކަރިއްޔާއަށް ތައާރަފް ކޮށް ދެއްވި ހަތިޔާރު ތަކުގެ ތެރެއިން ހަތިޔާރުތަކެކެވެ.

ރަޝިއާއިން ބޭނުން ކުރަމުންދާ ލޭޒާ ހަތިޔާރުތަކުގެ މާ ބޮޑު ތަފްސީލެއް ހާމަ ކޮށްފައި ނުވި ނަމަވެސް އެއީ ދުނިޔޭގެ ސަތަހައަށްވުރެ 1500 ކިލޯމީޓަރު ދުރަށް ފޯރުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ހަތިޔާރުތަކެއް ކަމަށްވެ އެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ސީދާ ގޮތެއްގައި ބައިވެރި ނުވާނެ ކަމަށް ބުނެފައި ވީނަމަވެސް އެ ގައުމުތަކުން ވަނީ މިހާތަނަށް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ހަތިޔާރުގެ އެހީ ޔޫކްރެއިންއަށް ފޯރުކޮށްދީފަ އެވެ.

ކުރީގެ ސޮވިއެޓް ޔޫނިއަން ރޫޅި އެ ޖަމާއަތުގެ މެމްބަރުން ހުޅަނގާއި އެއްބައިވެ ނޭޓޯއާ ގުޅެމުން ދިއުމާއެކު ރަޝިއާއިން ވަނީ އެގައުމުގެ އަސްކަރީ ބާރު ގަދަ ކުރުމަށް ގިނަ ހޭދަތަކެއް ކޮށްފަ އެވެ. -- ނިއު ސްޓްރެއިޓް ޓައިމްސް