އޮފީސް މާހައުލުގައި ސްޓްރެސް ވުމަކީ ނުވެ ނުދާނެ ކަމެކެވެ. ސްޓްރެސް އަކީ އެކަމެއްގެ ސަބަބުން، ދެން ކުރަން ހުންނަ މަސައްކަތްތަކަށާއި ޒާތީ ދިރިއުޅުމަށް އަދި އިޖުތިމާޢީ ދިރިއުޅުމަށްވެސް އެކަމުގެ އަސަރުތައް ކުރާނޭ ކަމެކެވެ. ނަމަވެސް ކުދިކުދި ކަންތައްތަކެއް ކޮށްގެން، އޮފީސް މާހައުލުގެ ސްޓްރެސްއާ ދުރުވެވިދާނެ އެވެ.

ފެން ބުއިން ގިނަ ކުރުން

އޮފީސް މަސައްކަތުގައި ސްޓްރެސް ވެގެން އުޅޭއިރު ގިނަ ބަޔަކު ކޮފީ ބޮއެވެ. ނަމަވެސް ކޮފީ ބުއިން މާ ގިނަ ވެއްޖެނަމަ އެކަމުގެ ގެއްލުން ބޮޑެވެ. އެހެންކަމުން ކެފެއިންގެ ބާވަތްތައް މަދުކުރުމަށްފަހު ގިނައިން ފެން ބުއިމަކީ ރަނގަޅު ކަމެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑާއި ސިކުނޑި އިތުރަށް ތާޒާވާނެ އެވެ.

ލޮލަށް ބްރޭކެއް ދިނުން

މީގެ މާނައަކީ އޮފީސް ގަޑީގެ މެދުން ހުސްވަގުތެއް ހޯދުމަށްފަހު ގެއަށް ގޮސް ނިދުމެއް ނޫނެވެ. ސްޓްރެސްވާ ހާލަތްތަކުގައި ދޭތެރެ ދޭތެރެއިން ލޯ މަރާލުމަށްފަހު އަލުން ހުޅުވުމަކީ ސްޓްރެސް ފިލުވާލުމަށް ރަނގަޅު ގޮތެކެވެ. މިގޮތަށް ލޯ މަރާލާނީ ފަހެއް ނޫނީ 10 ސިކުންތުގެ ދޭތެރޭގެ މިންވަރަކަށެވެ. އަދި އެވަގުތު ކޮޅު ދެބުމަ ދޭތެރެ މަސާޖު ކޮށްލެވިދާނެ އެވެ.

ކަސްރަތު ކޮށްލުން

އޮފީސް މާހައުލުގެ ސްޓްރެސް އިން ދުރުވުމަށް ދޭތެރެ ދޭތެރެއިން ފަސް މިނެޓެއްހާއިރުގެ ކުޑަ ބްރޭކެއް ނެގުލުމަށްފަހު މާ ވަރުގަދަ ނޫން ކަސްރަތެއް ކޮށްލުމަކީވެސް ސްޓްރެސް ފިލުވާލަން ކުރެވިދާނެ ކަމެކެވެ. މިފަދަ ޖިސްމާނީ ހަރަކާތްތަކުގެ ސަބަބުން ސިކުނޑި ތާޒާކޮށްދޭކަން ދިރާސާތަކުން ދައްކަ އެވެ.