ކޮވިޑް-19 ޕެންޑެމިކްއާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު މާލެ ސަރަހައްދުގެ ސްކޫލްތައް ފިޔަވާ އެހެން ހުރިހާ ސްކޫލްތަކެއްގައި ވެސް މިހާރު ދަނީ އައު އާންމު ހާލަތަށް ކިޔަވައިދެމުންނެވެ. އެއާއި އެކު ބެލެނިވެރިންނާއި ދަރިވަރުންގެ ރައްކާތެރިކަމާއި މެދު އުފެދޭ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ފޮތީގައި ތިން ދުވަހުގެ މުއްދަތަކަށް ކޮރޯނާ ވައިރަސް ހަރުލާފައި ހުރެ އެވެ. އެހެން ކަމުން ދަރިވަރުން ވައިރަހުން ރައްކާތެރި ކުރުމަށްޓަކައި ޔުނިފޯމު ދޮވުމަށް ރަނގަޅު ތާވަލެއް ގެންގުޅެން މިވަނީ ޖެހިފަ އެވެ.
އެގޮތުން ލޯންޑްރީ ނުވަތަ އެއްޗެހި ދޮވުމުގެ މާހިރެއް އަދި ލޯންޑްރީހީޕްގެ ސިއީއޯ، ޑެޔާން ޑިމިޓްރޯމް ވަނީ ކުދިންގެ ޔުނިފޯމުން ކޮރޯނާވައިރަސް ނައްތާލާނެ ގޮތް ކިޔައިދީފަ އެވެ.
ދޮވުމާއި ޑިސްއިންފެކްޓް ކުރުން
ޑެޔާން ވިދާޅުވި ގޮތުގައި އެއްޗެހި ދޮންނަ އިރު ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމުގެ ތަފާތު އެނގެން ޖެހޭ ކަމަށެވެ.
"ދޮވުން ނުވަތަ ސާފު ކުރުމަކީ ހެދުމުގައި ހުންނަ ޖަރާސީމާއި މިލަ ފިލުވާލުން. މިހެން މިކަން ކުރާއިރު ބައެއް ފަހަރު ޖަރާސީމުތައް އެއް ހެދުމުން އަނެއް ހެދުމަށް ދޭ،" އޭނާ ވިދާޅުވި އެވެ.
"ޑިސްއިންފެކްޓު ކުރުމަކީ ކެމިކަލެއް ބޭނުންކޮށްގެން ޖަރާސީމުތައް ނައްތާލުން ނުވަތަ އިތުރުވުން ހުއްޓުވުން."
ޑެޔާން ވިދާޅުވި ގޮތުގައި އެންމެ ރައްކާތެރިގޮތަކީ ހެދުން ދޮންނަން އިރު ކޮންމެވެސް ކަހަލަ ކެމިކަލެއް ބޭނުންކުރުމެވެ.
ބްލީޗް ބޭނުންކޮށްގެން، ހޫނު ފެނުން ދޮވުން
ޔުނިފޯމް އަދި އެހެން ހެދުންތައްވެސް ޑިސްއިިންފެކްޓް ކުރުމުގެ ގޮތުން 60 ޑިގްރީގެ ހޫނު މިނުގައި ހުންނަ ފެނުން ދޮންނަން ޖެހޭނެ އެވެ. އޭރުން ހުރިހާ ޖަރާސީމުތަކެއް މަރުވާނެ އެވެ.
"އެއްޗެހި ދޮންނަ އިރު އަތަށް އަންގިއެއް ލައްވައިގެން ހުރުމަކީ މުހިއްމު ކަމެއް. އަދި ބޭނުންކުރާ އޯމޯ ނުވަތަ ޑިޓާޖެންޓަކީ ބްލީޗް އެކުލެވޭ އެއްޗަކަށް ވާން ޖެހޭނެ،" ޑެޔާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ގަވާއިދުން އެއްޗެހި ދޮވުމަށް އާދަކުރަން ޖެހިފައިވާ ކަމަށާއި އެއްޗެހި ދޮންނަން މެޝިނަށް އަޅާއިރު ވެސް މެޝިން ފުރޭ ވަރަށް ނޭޅުމަށް އިސްކަންދޭން ޖެހެ އެވެ.
ހެދުންތައް ހިއްކުމަށްޓަކައި ނުފޮޅާތި!
ލޯންޑަރީ އެކްސްޕާޓް ވިދާޅުވި ގޮތުގައި ދާ ހެދުންތައް ފޮޅާ ކަންތައް ކުރަންޏާ ވައިރަސް ޕާޓިކަލްތައް ވައިގެ ތެރެއަށް ދޫވާ ކަމަށެވެ. އަދި އެ ވައިރަސްތައް އެެހެން ހެދުންތަކުގައި ހަރުލާ ކަމަށް އޭނާ ބުންޏެވެ.
އެހެން ކަމުން ބެލެނިވެރިން ކުދިންގެ ޔުނިފޯމް ހިއްކާއިރުވެސް ޓަމްބްލް ޑްރަޔާއެއް ބެނުންކުރުމަކީ ރަނގަޅު ކަމެކެވެ.
ބެކްޓީރިއާ އާއި ވައިރަސް ހެދި ބޮޑުވާނީ ތެއްކަން ހުންނަ ތަންތަނުގަ އެވެ. އެެހެން ކަމުން ޔުނިފޯމްތައް ހިމެނޭ ގޮތަށް ހުރިހާ ހެދުންތައް އެއްކޮށް ހިއްކުމަކީ މުހިއްމު ކަމެކެވެ.
ސްކޫލް ދަބަސް
ސްކޫލް ދަބަކީ އެންމެ ގިނައިން ކުދިންނަށް އަތްލެވޭނެ އެކައްޗެވެ. އެހެން ނަމަވެސް ދަބަސް ދޮވެވެނީ ހެދުމަށްވުރެ މަދުން ކަމުން އޭގައި ވައިރަސް ހަރުލާފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވައިރަސް ފެތުރުމަށްވެސް މަގުފަހި ކޮށްދެ އެވެ.
"ދަބަަސް ސާފުކުރުމުގައި ބަލާނީ ދަބަހުގެ މެޓީރިއަލް އަށް. ފޮތި ދަބަހެއް ނަމަ މެޝިނަށް އަޅާފައި ހޫނު ފެނުން، ބްލީޗް ހިމެނޭ ޑިޓާޖެންޓަކުން ދޮވެ ޑިސްއިންފެކްޓް ކުރެވިދާނެ،" ލޯންޑްރީ އެކްސްޕާޓް ވިދާޅުވި އެވެ.
"ލެދާއިން ހަދާފައި ހުުންނަ ދަބަހެއް ނަމަ ޑިސްއިންފެކްޓް ސްޕްރޭ ނުވަތަ ޓިޝޫ ބޭނުންކޮށްގެން ސާފުކުރެވިދާނެ،"
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދަބަސްވެސް ދޮވުމަށް ފަހު އެއްކޮށް ހިއްކަން ޖެހޭނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރާ ނަމަ ދަބަސް އުނގުމަތީ ބޭއްވުމަށް ކުދިންނަށް ނަސޭހަތްތެރިވަނެ ޖެހޭނެ އެވެ.
ޕެންސިލް ކޭސް
ދަބަސް ފަދައިން ޕެންސިލް ކޭސްއަކީ ވެސް ކުދިން އެންމެ ގިނައިން އަތްލާނެ އެކައްޗެވެ.
އެވެސް ފޮތިން ހަދާފައި އޮތް އެއްޗެއް ނަމަ މެޝިނުން ދޮވެލާ، ޑިސްއިންފެކްޓް ކުރެވިދާނެ އެވެ.
ޑެޔާން ވިދާޅުވި ގޮތުގައި އެހެން ނަމަވެސް އެންމެ މުހިއްމު ކަމަކީ ފަންސޫރާއި ގަލަން ފަދަ ތަކެތި އެއް ކުއްޖަކު އަނެއް ކުއްޖާއާއި ހިއްސާ ނުކުރުމަށް ބެލެނިވެރިން ކުދިންނަށް ނަސޭހަތްތެރި ވުމެވެ.