މިމަހުގެ ދެވަނަ ދުވަހު ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ޑިކޯވެގެން ހާލު ދެރަވި މަހުމޫދު ފާއިޒަށް އިތުރު ފަރުވާދޭން އިންޑިއާގެ ކޮޗިން މިއަދު ހެނދުނު ފުރުވާލައިފި އެވެ.

ފުވައްމުލަކު ބަނދަރުގެ ނެރު ކައިރިއަށް މަހުމޫދުއާ އެކު ފީނަން ފޭބި ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު (މޯޑު) ވަނީ ގެއްލިފަ އެވެ. އޭނާ ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފް އިން ވަނީ ހުއްޓާލައިފަ އެވެ.

މަހުމޫދު ޑިކޯވެގެން އެންމެ ފުރަތަމަ ފަރުވާދޭން ގެންދިޔައީ ދ. ކަނޑިންމަ ރިސޯޓަށެވެ. ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން ދެން ގެންދިޔައީ ކުރެއްދޫ ރިސޯޓަށެވެ.

މަހުމޫދު 19، އިތުރު ފަރުވާދޭން އިންޑިއާއަށް ގެންދިޔައީ ކުރެއްދޫގައި ހުންނަ ހައިޕަބެރިކް ޗެމްބާގައި 13 ދުވަހު ފަރުވާ ދިނުމަށްފަހު އެވެ. އަދި އެތަނުގައި ދިން ފަރުވާއާއެކު އޭނާގެ ހާލަތު ވަރަށް ރަނގަޅުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.

ނަމަވެސް މަހުމޫދު އިންޑިއާއަށް ފުރުވާލީ އިތުރުވާ ބޭނުންވާ ކަމަށް ކުރެއްދޫގައި ފަރުވާ ދިން ޑޮކްޓަރާއި އައިޖީއެމްއެޗްގައި އޭނާ ބެލި ޑޮކްޓަރުން ލަފާ ދިނުމާ ގުޅިގެންނެވެ. އަދި މަހުމޫދު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި އިތުރު ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ނަގަން ހަމަޖެހިފައިވެ އެވެ.