ކޮލަމްބޯ (22 މެއި) - ސްރީލަންކާ ޑިފޯލްޓުން ސަލާމަތްކުރުމަށް ސަރުކާރުން ދިން 30 ދުވަހުގެ ގްރޭސް ޕީރިއަޑް ހަމަވެ، އެ ގައުމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޑިފޯލްޓްވެއްޖެ އެވެ.

ސްރީލަންކާ ޑިފޯލްޓަށް ދާން ޖެހުނީ ކަނޑައެޅުނު 30 ދުވަހުގެ ތެރޭގައި ބޭރުގެ ގައުމުތަކަށް ދަރާފައިވާ 78 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ނުކުޅެދުމުންނެވެ.

މިއާއެކު އެގައުމުގެ ސެންޓްރަލް ބޭންކުންނާއި ދުނިޔޭގެ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އޭޖެންސީއިން ވަނީ ސްރީލަންކާގެ އިގްތިސާދު ޑިޕޯލްޓް ވެފައިވާކަން ކަށަވަރު ކޮށްދީފަ އެވެ.

ގައުމެއްގެ އިގުތިސާދު ޑިފޯލްޓް ކުރަން ޖެހެނީ އެގައުމެއްގެ ސަރުކާރުން ބޭރުގެ ގައުމުތަކާއި އިދާރާތަކަށް ދައްކަން ޖެހޭ ދަރަނިތައް ދެއްކޭނެ ގޮތެއް ސަރުކާރަށް ނުލިބުމުންނެވެ.

ގައުމެއްގެ އިގްތިސާދު ޑިފޯލްޓް ވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި އެ ގައުމެއްގެ ހައިބަތު ގެއްލި އިންވެސްޓަރުންނާއި ލޯނު ހޯދުމަށް ދަތިތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ނަތީޖާއަކަށްވަނީ ގައުމުގެ ފައިސާގެ އަގު ދަށްވެ އިގްތިސާދު އިތުރަށް ވަޅު ޖެހުމެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރެވުމުން ލަންކާގެ ސެންޓްރެލް ބޭންކުގެ ގަވަރްނަރު ނަންދަލާލް ވީރަސިންގެ ވިދާޅުވާ ދަރަނިތައް އަދާ ކުރަން އާ ފަރުމާއެއް އެކުލަވާލެވެންދެން ދަރަނިތައް ދެއްކުން ހުއްޓާލައިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ޕެންޑެމިކްއާއި ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާލަތަށް ގައުމު ދާން ޖެހުނީ މިދިޔަ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުންނެވެ.

އިގްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ބޭންކް (އައިއެމްއެފް)އާއި ވޯލްޑް ބޭންކާއެކު ސަރުކާރުގެ މަޝްވަރާތައް ކުރިއަށްދާއިރު އެކަމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ސެންޓްރަލް ބޭންކުން ބުނާ ގޮތުގައި އިގްތިސާދު ހަމަ މަގަށް އަޅުވަން މަދުވެގެން ހަތަރު ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވެ އެވެ. ނަމަވެސް މަތިވަމުންދާ އިންފްލޭޝަން ރޭޓާއެކު މި އަދަދު ހޯދުމަކީ އުނދަގޫ ކަމެއްކަން ނަންދަލާ ފާހަގަ ކުރެއްވި އެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން ކަރަންޓާއި ކާބޯތަކެއްޗާއި ތެލުގެ އިތުރުން ގޭސް ފަދަ އާއްމުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ވެސް ވަނީ ދަތިވެފަ އެވެ. -- ބީބީސީ