ސައޫދީ އަރަބިއާގެ އެއާލައިނަކުން އެގައުމުގައި ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެން ކްރޫއިންނާއެކު ފްލައިޓެއް އަޅައި ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ގައުމީ އެއާލައިން ސައޫދީއާގެ ބަޖެޓް ސަބްސިޑީ އެއާލައިންއެއް ކަމަށްވާ ފްލަޔަޑީލްގެ މި ފްލައިޓް ދަތުރު ކޮށްފައިވަނީ ވެރިރަށް ރިޔާދުން ޖިއްދާ އަށެވެ.
މި ދަތުރުގައި ބައިވެރިވި ހަތް ކްރޫއިންގެ ތެރެއިން ހަ ކްރޫއިންނަކީ ސައޫދީ އަރަބިއާއަށް ނިސްބަތްވާ އަންހެނުންނަށް ވާއިރު ކެޕްޓަންއަކީ އެހެން ގައުމެއްގެ މުވައްޒަފެއް ކަމަށް އެ އެއާލައިނުން ބުނެ އެވެ.
ސައޫދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން މިކަން ޔަގީން ކޮަށްދީފައިވާއިރު އެ އޮތޯރިޓީއިން ވަނީ އެގައުމުގެ އޭވިއޭޝަން ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރަން މަސައްކަތް ތަކެއް ކުރާނެ ކަމަށް ބުނެފަ އެވެ.
އެގޮތުން 2019 ވަނަ އަހަރު އެގައުމުން ވަނީޔ ފުރަތަމަ ފަހަރަށް އަންހެން ކޯ ޕައިލެޓްއަކާއެކު ދަތުރެއް ކޮށް އެކަން އިއުލާން ކޮށްފަ އެވެ.
އޭގެ އިތުރުން ވެސް އަމާޒަކީ ސައޫދީގެ އޭވިއޭޝަން ދާއިރާ އިތުރަށް ފުޅާކޮށް 2030ގެ ނިޔަލަށް ޕެސެންޖާ ޓްރެފިކް ދެގުނަ ކުރަން ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުނެ އެވެ.
ސައޫދީ އަރަބިއާގައި މިފަހުން އަންހެނުންނަށް ވަނީ ވަރަށް ބޮޑު ލުއިތަކެއް ދީފަ އެވެ. އެގޮތުން މަހްރަމަކާނުލާ އެކަނި ދިރިއުޅުމުގެ ހުއްދައާއި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ވެސް އެގައުމުގެ އަންހެނުންނަށް މިހާރު ލިބެ އެވެ.