ގއ. ވިލިނގިލީ ނެރުން ވަންނަން އުޅުނު ލޯންޗެއް އެކްސިޑެންޓްވެ، ދެ މީހަކު މަރުވި ހާދިސާގައި، އެކްސިޑެންޓުވި ލޯންޗުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްނުދީ އެސަރަހައްދުން އެހެން ލޯންޗެއް ދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ،

މިހާދިސާ ހިނގާފައިވަނީ ރޭ 7:15 ހާއިރު އެވެ.

ގއ. އަތޮޅު ޕުލްމަން މޯލްޑިވްސް ރިސޯޓުން ފުރައިގެން ގއ. ވިލިނގިލީ ނެރަށް ވަންނަން އުޅެނިކޮށް ނެރު ފައިކައްޓަށް އަރައި ހިނގި މިހާދިސާގައި ދެ މީހަކު މަރުވެފައިވާއިރު ތިން މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. މިހާރު މި ތިން މީހުންވެސް އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.

މި ހާދިސާގައި މަރުވީ ލޯންޗްގެ ވެރި މީހާ، ވިލިނގިލި ދޫރެސް މިސްބާހް އަބްދުލް މުހުސިން 37، އާއި ނ. ލަންދޫ، އުރަހަ، މުހައްމަދު ޝާފިއު 27، އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ނީމޯ" ލޯންޗު އެކްސިޑެންޓް މިވަގުތު އެމީހުންނަށް އެންމެ ފުރަތަމަ އެހީތެރިކަން ދިނުމަށް އެދިފައިވަނީ ވިލިނގިލިން ފުރައިގެން އެއާޕޯޓަށް ދަތުރުކުރި ލޯންޗެއްގެ ކިބައިންނެވެ. އެހީތެރިކަމަށް އެދުނީ ލޯންޗު ފުރުމުގެ ކުރިންނެވެ. އެހެންނަމަވެސް އެލޯންޗު ވަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްނުދީ އެއާޕޯޓަށް ގޮސްފަ އެވެ.

އެ ލޯންޗުގެ ކެޕްޓަނަކީ އަހުމަދު ނިޔާޒު ކިޔާ މީހެކެވެ.

މިކަމާ ބެހޭ ގޮތުން "ނީމޯ" ލޯންޗުގައި ތިބި މީހުންނަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ފަރާތުން ބައެއް މީޑިއާތަކުގައި އެރަށު އެހެން ލޯންޗެއްގެ ކެޕްޓަން އިސްމާއީލް ޒަކީ ބުނެފައިވަނީ އޭނާއަށް ވުރެ މާ ކުރިން ނިޔާޒުއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކަމަށެވެ.

"އޭނާއަށް ވަރަށް ރަނގަޅަށް މަންޒަރު ފެންނާނެ، ވަރަށް ރީއްޗަށް. އޭނާއަށް އެ މީހުންނަށް އެހީވެވޭނެ މަށަށް ވުރެ އަވަހަށް އެހީވާން ބޭނުން ނަމަ. އެކަމަކު، އޭނާ އެ މީހުންނަށް އަޅާނުލައި ދޫކޮށްލާފައި ނުކުމެގެން ދިޔައީ ހަމަ،" ޒަކީ ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ ލޯންޗު އެކްސިޑެންޓުވި ހާދިސާ ހިނގައިގެން އުޅުނު ވަގުތު އެހެން ލޯންޗެއް އެ މީހުންނަށް އެހީނުވެ ދިޔަ ކަމަށް ބުނާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ލޯންޗުގައި ތިބި މީހުންނަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ޒަކީ ބުނީ، އޭނާއަށް އެ މީހުން ގުޅީ ދަތުރެއް ނިންމާލާފައި ބަނދަރު މަތީގައި ޖޯއްޔެއްގައި އިންދާ ކަމަށެވެ.