ތެހްރާން (22 މެއި) - އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ)ގެ އިސް ލީޑަރަކު އަނެއްކާ ވެސް އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފި އެވެ.
އައިއާރްޖީސީއިން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާގައި އަވަހާރަކޮށްލާފައި ވަނީ ގުދުސް ފޯސްގެ ލީޑަރު ކާނަލް ސަޔަދު ޚުދާއީ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޚުދާއީ އަވަހާރަކޮށްލާފައިވަނީ އެންޓި ރިވޮލޫޝަން ގްރޫޕްތަކުންނާއި ގްލޯބަލް އެރޮގެންސް އެޖެންޓުން ގުޅިގެން ކަމަށެވެ.
އީރާނުން އެންޓި ރިވޮލޫޝަން ގްރޫޕްތަކުގެ ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ގުރޫޕްތައް ފާހަގަ ކުރާއިރު ގްލޯބަލް އެރަގެންސް އެޖެންޓުންގެ ގޮތުގައި ބަލައިގަންނަނީ އެމެރިކާއާއި އެގައުމަށް ވާގިވެރިވާ ގައުމުތައް ތަމްސީލުކުރާ ފަރާތްތަކަށެވެ.
ޚުދާއީ އަވަހާރަ ކޮށްލާފައިވަނީ ވެރިރަށް ތެހްރާނުގައި އޭނާ ދިރިއުޅުއްވާ ގެކޮޅު ކައިރިން ކާރެއްގައި ދަތުރު ކުރައްވަނިކޮށް އެ ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލެއްގައި ތިބި ބައެކެވެ. ޚުދާއީގެ ހަށިކޮޅަށް ފަސް ވަޒަން ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޚުދާއީއަކީ ސީރިއާގައި އައިއާރްޖީސީއިން ހިންގާ އޮޕަރޭޝަންތަކުގައި އިސްކޮށް ހަރަކާތްތެރިވި ކޮމާންޑަރެއްގެ ގޮތުގައި އީރާނުން ސިފަކުރެ އެވެ.
2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެސް ގުދުސް ފޯސްގެ އިސް ލީޑަރަކު ވަނީ އަވަހާރަކޮށްލާފަ އެވެ. އިރާގުގެ ބަޣްދާދުގައި ދިން އެހަމަލާގައި އަވަހާރަވެފައިވަނީ ކޮމާންޑަރު ގާސިމް ސުލައިމާނީ އެވެ.
ސުލައިމާނީގެ މަރާ ގުޅިގެން އީރާނުން އެމެރިކާއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުގެ ކިބައިން ބަދަލު ހިފާނެ ކަމަށް އެގައުމުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެގޮތުން ސުލައިމާނީ އަވަހާރަ ކޮށްލެވުނުއިރު އެެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް މަރާލާ ކަމަށް ސިފަވާ ވީޑިއޯއެއް އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ ރަސްމީ ވެބްސައިޓުން މީގެ ކުރިން ވަނީ އާއްމު ކޮށްފަ އެވެ. -- ބީބީސީ