ކައިވެނި ކުރަން އެންމެ ރަނގަޅު އުމުރާ މެދު އަހަރުމެންގެ މެދުގައި ހޫނު ބަހުސެއް ކުރެވެ އެވެ. އެއްބަޔަކު ލަހުން ކައިވެނި ކުރުމަކީ މައްސަލައެއް ނޫން ކަމަށް ބުނާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ކައިވެނި ކުރަން އެންމެ ރަނގަޅީ ޒުވާން އުމުރުގެ ކުރީކޮޅު އެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހަކު މިވަނީ އުމުރުން މާ ފަސްވެއްޖެ ނަމަ ކައިވެނި ނުކުރެވޭނެ ކަމަށް ބުނާ މީހުންނަށް ވަރުގަދަ ރައްދެއް ދީފަ އެވެ. އޭނާ ވަނީ އުމުރުން 95 އަހަރުގައި އަލަތު ކައިވެނި ކޮށްފަ އެވެ.

ޖޫލިއަން މޮއިލް އޭނާގެ މިހާރުގެ އަންހެނުން އުމުރުން 84 އަހަރުގެ ވެލަރީ ވިލިއަމްސްއާ އެންމެ ފުރަތަމަ ބައްދަލުވީ މީގެ 23 އަހަރު ކުރިން އިނގިރޭސި ވިލާތުގެ ފައްޅި އަކުންނެވެ.

ނަމަވެސް ޖޫލިއަން ވެލަރީއަށް ކައިވެންޏަށް ހުށައަޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އާއިލާއާއި ރައްޓެހިންނާއެކު ބޭއްވި ކުޑަ ހަފްލާއެއްގައި އެދެމީހުން ކައިވެނިކުރީ މީގެ 23 އަހަރު ކުރިން އެންމެ ފުރަތަމަ ބައްދަލުވި ފައްޅީގަ އެވެ.

"ވެލަރީއަކީ ހިތްހެޔޮ، ހިތްތިރި މީހެއް. އެކީގައި ދިރިއުޅެން ވަަރަށް ބޭނުން" ޖޫލިއަން ބުންޏެވެ.

ކައިވެންޏާ ބެހޭގޮތުން ސުވާލު ކުރުމުން ވެލަރީ ބުނީ އޭނާއަށް އަދިވެސް އެކަން ގަބޫލު ނުކުރެވޭ ކަމަށާއި ޖޫލިއަން އަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމަފިރިން މި އަހަރު ތެރޭގައި ޖޫލިއަންގެ އަމިއްލަ ގައުމު އޮސްޓްރޭލިއާގައި ހަނީމޫން ފާހަަގަ ކުރާނެ އެވެ.