ރާއްޖެއިން މިއަަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބުނު ކޯޓާ ދޭނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުން މީހުން ގެންދިއުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމާފައިވަނީ އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނެތުމާއި، މިހާރުގެ ހާލަތަށް ރިޔާކުރުމަށް ފަހު ކަމަށެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ލިބިފައިވާ 453 ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު އޭގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިޔުމަށް ހާއްސަކޮށްފައިވާ 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔުގައި ތިބި ފަރާތްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިޔުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާގެ ތެރެއިން ހައްޖަށް ދިޔުމަށް އެދި ހުށައެޅުމުގައި އަމަލުކުރާނެ އުސޫލެއް އެ ކުންފުނިން އެކުލަވާލާނެ ކަމަށެވެ.

ރާއްޖެއިން މީހުން ހައްޖަށް މީހުން ގެންދިޔުމުގެ ފުރުސަތު ލިބިފައި މިވަނީ ކޮވިޑްއާ ގުޅިގެން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ. މީގެ ކުރިން ސައުދީއަރަބިއްޔާ ސަރުކާރުން ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1،000 ކޯޓާ ދޫކުރެ އެވެ. އަދި ބައެއް ފަހަރު އޭގެ އިތުރަށް ވެސް ކޯޓާ ދޫކޮށްފައިވެ އެވެ.

މިއަހަރު ގައުމުތަކުން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީން އެކުލަވާލާފައިވާ ކޯޓާ ލިސްޓްގައި ވާގޮތުން 85 ޕަސެންޓް މީހުންނަކީ އެހެނިހެން ގައުމުތަކުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެ ގައުމަށް އެތެރެވާ މީހުންނެވެ. މިގޮތުން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އެއްމިލިޔަން މީނުންނަށް ފުރުސަތު ދީފައިވާއިރު އޭގެ ތެރެއިން 850،000 މީހުންނަކީ އެހެނިހެން ގައުމުތަކުގެ މީހުންނެވެ. އަދި ސައޔދީގެ ރައްޔިތުންނަށާއި އެ ގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 150،000 މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.