އަހަރުމެންގެ މުޖުތަމައުގައި ވަޒީފާއަށް ދަމުން ދަރިން ތަރުބިއްޔަތުކުރާ މައިންބަފައިން ވަރަށް ގިނަ އެވެ. ބައެއް އާއިލާތަކުގައި އެއް ބައިވެރިޔަކު ވަޒީފާ އަދާ ކުރާއިރު އަނެއްބައި އާއިލާތަކުގެ ދެމަފިރިންނަކީ ވެސް ވަޒީފާއަށް ދަމުން ދަރިން ބަލާ މީހުންނެވެ.
މި ގޮތަށް ދިރިއުޅުން ބައްޓަން ވެފައިވާނަމަ ދަރިންނަށް އެންމެ ރަނގަޅު ތަރުބިއްޔަތު ދިނުމަށްޓަކައި ސަމާލުވާންވީ ބައެއް ކަންކަން ހުރެ އެވެ. އެފަދަ ބައެއުް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.
ފުރަތަމަ ކަމަކަށް މަންމަ އާއި ބައްޕަ އަދާކުރަންޖެހޭ ދަރިންގެ ޒިންމާ އަދާކުރުމުގައި ދެމީހުންގެ ބައިވެރިވުން އެއްވަރަކަށް ބެހެއްޓުމަށް މަސައްކަތް ކުރެވިދާނެ އެވެ. އެކަކުގެ ވެސް ވަޒީފާއަށް ބުރޫ ނާރާނެހެން ދެމީހުންގެ މެދުގައި ދަރިންގެ ޒިންމާތައް ބަހާލެވިދާނެ އެވެ.
ކިތަންމެ ބުރަކޮން އުޅެން ޖެހުނުނަމަވެސް އާއިލާއަށް ނުވަތަ ދަރިންނަށް ވަކި ގަޑިއެއް ހާއްސަ ކުރަންވާނެ އެވެ. ކުދިންނަށް އުނގަންނައިދިނުމާއ އެކުދިންގެ ތަރުބިއްޔަތަށް މައިންބަފައިން ހޭދަކުރާ ވަގުތަށްވުރެ އަގުބޮޑު ކަމެއް ނުވެ އެވެ.
އެއާއެކު ވަޒީފާގައި ކުރަންޖެހޭ މަސައްކަތް ގޭގައި ނުކުރުމަކީވެސް ދަރިންނަށް ވަގުތު ދިނުމަށް ކުރެވިދާނެ ކަމެކެވެ. އަދި އަބަދުވެސް ދަރިން ދައްކާ ވާހަކަތަށް އަޑު އަހަންވާނެ އެވެ. މިގޮތަށް ދަރިން ވާހަކަ ދައްކާއިރު ސަމާލުކަން ނުދޭނަމަ އެކުދިންގެ ހިތްވަރާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރަށް ހީނަރުކަން އަންނަކަމަށް ކަމާބެހޭ މާހިރުން ހާމަކުރެ އެވެ.
މިއަދު މެދު ފަންތީގެ އާއިލާތަކުގައި ދެމަފިރިން މަސައްކަތް ކޮށްގެން ނޫނީ ދިރިއުޅުން ހަމަނުޖެއްސޭކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ކަންމިހެން އޮތްއިރު ވަޒީފާއާއި ދަރިންގެ މަސްއޫލިއްޔަތުތައް ބެލެންސްކޮށް ދިރިއުޅުން ބައްޓަން ކުރަން އިސްކަން ދޭން ޖެހެ އެވެ.