މާބަނޑު ދުވަސްވަރު މާގިނައިން ކަޅު ކޮފީ ބޯނަމަ ނުވަތަ ކެފެއިން އެކުލެވޭ ބުއިންތައް މާގިނައިން ބޯ ނަމަ ލިބޭ ދަރިފުޅު މާބޮޑަށް ބަރުވުން އެކަށީގެންވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާކުރި ޓީމުން ވަނީ މާބަނޑު ދުވަސްވަރު ކޮފީ ބޭނުންކުރި 51 ހާސް މީހުން ކޮފީ ނުވަތަ ކެފެއިން އެކުލެވޭ ބުއިންތައް ބުއި މިންވަރު ދިރާސާ ކޮށްފަ އެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ދުވާލަކު ކޮފީ ބޭނުން ކުރާ މިންވަރަކީ 50 މިލިގްރާމަށް ވުރެ ދަށް ނަމަ ލިބޭ ދަރިފުޅުގެ ބަރުދަނަށް ނުރައްކަލެއް ނެތެވެ.

ނަމަވެސް ދުވާލަކު 50 މިލިގްރާމް ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ނުވަތަ ކެފެއިން އެކުލެވޭ ބުއިންތައް ބޯނަމަ ލިބޭ ދަރިފުޅުގެ ބަރުދަން އިތުރުވުމުގެ ފުރުސަތު 15 ޕަސެންޓް ބޮޑެވެ. އަދި 300 މިލިގްރާމް އާއި ހަމައަށް ކޮފީ ބޯނަމަ ލިބޭ ދަރިފުޅު މާ ބޮޑަށް ފަލަވުން ނުވަތަ އޮބީސިޓީއާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު 45 ޕަސެންޓަށް އިތުރުވާކަމުގައި މި ދިރާސާ ކުރި ޓީމުން ބުނެފައި ވެ އެވެ.

މި ދިރާސާކުރި ޓީމުން ނިންމާފައިވާގޮތުގައި މާބަނޑު ދުވަސްވަރު އެންމެ ގިނަވެގެންވެސް ކޮފީ ނުވަތަ ކެފެއިން އެކުލެވޭ ބުއިންތައް ބޯންވާނީ 200 މިލިގްރާމާއި ހަމައަށެވެ. ނޫން ނަމަ ދަރިފުޅުގެ ބަރުދަން މާ ބޮޑަށް ބަރުވުމާއި ދަރިފުޅަށް ސިއްހީ މައްސަލަތައް ކުރިމަތި ވުމުގެ ފުރުސަތު ބޮޑުކަމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެހެން ކަމުން މާބަނޑު ދުވަސްވަރު ކޮފީ ބުއިމުގައި ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.