އޮފީހަށް ގޮސްގެން މާގިނައިރެއް ނުވެ އާފުރެން ފަށަ އެވެ. ދެން ފެންނަނީ ތާއްޔާ ޖެހޭ ތަނެވެ. މިއީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ އުނދަގުލެކެވެ.

އޮފީހުގައި އިންނައިރު މާ ބޮޑަށް ނިދި އައިސް ކުރަން ހުންނަ މަސައްކަތަށް ބުރޫ އަރާ ފަހަރު ވެސް އާދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އޮފީހުގައި އިންނައިރު ނިދި އަންނަ ނަމަ ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އެގޮތުން ވަސް ރަނގަޅު ސެންޓެއް ނުވަތަ އެއާ ފްރެޝްނާއެއް ބޭނުންކުރުމަކީ ކުރެވިދާނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ޕެޕަމިންޓް، ޖާސްމިން (ހުވަނދުމާ)، ރޯޒްމެރީ އަދި ލުނބޯގެ ވަހަކީ އިންސާނާގެ ހަށިގަނޑަށް ޖޯޝް ގެނުވާ ފަދަ ވަސް ވަހެވެ. މި ވަސް ވަހުން ނިދި ފިލައި މީހާއަށް ތާޒާކަން ގެނުވައިދެ އެވެ.

އެއާއެކު ގިނައިން ފެން ބުއިމަކީ ވެސް މިކަމަށް އޮތް ހައްލެކެވެ. ހަށިގަނޑު ޑީހައިޑްރޭޓް ވުމަކީވެސް ނިދި ޖެހެން މެދުވެރިވާ ސަބަބަކަށް ވާއިރު ޑިހައިޑްރޭޓްވެފައިވާ ހަށިގަނޑު ހައިޑްރޭޓް ކޮށްލަން ފެން ބުއިމުންވެސް ނިދި ފިލާދެ އެވެ.

ނިދި ފިލާނެ އިތުރު ބައެއް ކަންކަމަށް ބަލައިލާއިރު މަސައްކަތް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލުމަށްފަހު ހިނގާލުން، މީހަކާ ވާހަކަ ދައްކާލުން ފަދަ ކުދި ކުދި ކަންކަން ވެސް ހިމެނެ އެވެ.

ދެން އޮފީހުގައި އިނދެ ތާއްޔާ ޖެހޭނަމަ މިއިން ކަމެއްގެ އަޖުމަ ބަލާލާށެވެ.