ޒުވާން އުމުރުގައި ބޮލުން އިސްތަށި ފާބައި، ތަލަވުމަކީ ބައެއް މީހުންނަށް ލަދުވެތި ކަމަކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ މިކަމަކަށް މަގުފަހިކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.

ސިނގިރޭޓަކީ އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑަށް އެކި ގެއްލުންތައް ކުރުވާ އެއްޗެކެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން މަދުކޮށްދެ އެވެ. ނަތީޖާއަކަށް ބޮލުން އިސްތަށި ފޭބުން އިތުރުވެ، އަވަހަށް ބޯ ތަލަވާން ފެށުމެވެ.

ސިނގިރޭޓުގައި އެކުލެވޭ ނިކޮޓިންގެ ސަބަބުން އިސްތަށިތަކުގެ ބުޑުތަކުގެ ބާރު ދެރަކޮށްލާއިރު، އެއިން އަރާ ދުމުގެ ސަބަބުން ވެސް އިސްތަށިގަނޑަށް ނޭދެވޭ އަސަރު ކުރެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ ފިރިހެނުންނަކީ އުމުރުން 30ގެ އަހަރުތަކުގައި ތަލަވެ ނުވަތަ ތަލަވުމުގެ ނިޝާންތައް ފެންނަ މީހުންނެވެ.

އިސްތަށި ފައިބާ ތަލަވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރިއިރު ދުންފަތުގެ އިސްތިއުމާލުކުރުމަކީ ތަލަވާ ފިރިހެނުންގެ ކިބައިގައި ހުންނަ އެންމެ އާއްމު އެއް ސިފަ ކަމަށްވެ އެވެ.

އެހެން ކަމުން ޒުވާން އުމުރުގައި އިސްތަށިގަނޑުގެ ވަރުގަދަކަން ގެއްލި ތަލަވާން ބޭނުން ނުވާނަމަ ދުންފަތުގެ އިސްތިއުމާލު ކުރުމާ ވަަގުތުން ދުރުވާން ޖެހެ އެވެ.