ޒަމާނީ ދަތުރުފަތުރުގެ ވަސީލަތްތައް ތައާރަފުވުމުގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުނު މުސްލިމުން ހައްޖުގެ ދަތުރުކުރީ ފައިމަގުގަ އެވެ. ނަމަވެސް މިއަދުގެ ދުނިޔޭގައި މިފަދަ ކަމެއް ކުރުމަކީ ގިނަ މުސްލިމުން ހިތަށް ވެސް ގެނުވާނެ ކަމެއް ނޫނެވެ.

ނަމަވެސް އިންޑިއާގެ މަލައްޕޫރަމްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޝިހާބް ޗޮތުރް މިވަނީ ފައިމަގުގައި ހައްޖަށް ދާން އަޒުމު ކަނޑައަޅައި އޭނާގެ ދަތުރު ފަށަން ތައްޔާރުވެފަ އެވެ.

ޝިހާބު ބުނީ ފައިމަގުގައި ހައްޖަށް ދިއުމަކީ އެންމެ ކުޑައިރުގެ ވެސް ހުވަފެނެއް ކަމަށާއި ޒަމާނީ ދަތުރު ފަތުރު ލިބެން ހުރި ނަމަވެސް ފައިމަގުގައި މިކަން ކުރަން ނިންމީ އެހެންވެ ކަމަށެވެ.

އިންޑިއާއި ސައޫދީ އަރަބިއާގެ ދުރުމިނުގައި 8640 ކިލޯމީޓަރު ހުންނައިރު މި ދަތުރުގައި ޝިހާބަށް ޕާކިސްތާނު، އިރާން، އިރާގު އަދި ކުވެއިތު ހުރަސް ކުރަން ޖެހޭނެ އެވެ.

މި ދަތުރުގެ ތައްޔާރީތައް ކުރުމަށާއި ވިސާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ވެރިރަށް ނިއު ދިއްލީގައި ހަ މަސް ދުވަސް ހޭދަވި ކަމަށް ޝިހާބު ބުންޏެވެ.

"އަހަންނަކީ ސިއްހަތު ރަނގަޅަށް ހުރި މީހެއް. ދުވާލަކު 25 ކިލޯމީޓަރު ހިނގޭނެ. މިއީ މިކަން ކުރަން އެންމެ ރަނގަޅު ވަގުތު،" ޝިހާބު ބުންޏެވެ.

އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ޝިހާބު އޭނާގެ ދަތުރު ފަށާއިރު މި ދަތުރަށް އެއް އަހަރު ދުވަސް ހޭދަވާނެ ކަމަށް ބެލެވެ އެވެ. ޝިހާބު ހައްޖުގެ އަޅުކަން އަދާކުރަން ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ހައްޖު މޫސުމުގަ އެވެ.

ޝިހާބުގެ އުއްމީދަކީ އޭނާގެ ދަތުރު އެއްވެސް އުނދަގުލެއް ނެތި ފުރިހަމަކޮށް މައްކާގެ މާތް ބިމުގައި ފައި ޖެއްސުން ކަމަށް ޝިހާބު ބުންޏެވެ.