ބާމިއުޑާ ޓްރިއޭންގަލްއަކީ އެ ސަރަހައްދެއްގައި ގިނަ ހާދިސާތަކެއް ހިނގާފައިވާ އަސްލު ނޭނގޭ ސަރަހައްދެކެވެ. ސައިންސަވެރިންނަށް ވެސް މިހާތަަނަށް މި ސަރަހައްދުގެ ކަށަވަރު ހަގީގަތް ހޯދިފައި ނުވާއިރު މި ސަރަހައްދުން ދަތުރުކުރާ ގިނަ ބޯޓުތަކަށް ހިތާމެވެރި ހާދިސާތައް ކުރިމަތިވެފައިވެ އެވެ.

އާދަޔާޚިލާފު ޗުއްޓީއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންްސީއެއް ކަމަށްވާ އެންޝަންްޓް މިސްޓަރީސް ކްރޫޒަސްއިން މިވަނީ ބާމިއުޑާ ޓްރިއޭންގަލް ބަލާލަން ކްރޫޒް ދަތުރުތަކެއް ރާވައިފަ އެވެ.

މި ސަރަހައްދަކީ ބިރުބޮޑު ސަރަހައްދެއްކަން އެނގޭއިރު ދަތުރުގައި ބައިވެރިވާނެ މީހުން ހޯދުމުގެ މަގުސަދުގައި އެކުންފުނިން ވަނީ ދަތުރުގެ ތެރެއިން ބޯޓު ގެއްލިއްޖެ ނަމަ ދަތުރަށް ހަރަދުކުރި ފައިސާގެ 100 ޕަސެންޓް ރީފަންޑް ކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ.

"މި ދަތުރުތަކަކީ ވަރަށް އިތުބާރު އޮތް ދަތުރުތަކެއް. މިހާތަނަށް ހުރިހާ ކްރޫޒްތަކެއް ވެސް އެނބުރި އައިސްފައިވޭ. އެހެން ނަމަވެސް ބޯޓު ގެއްލިއްޖެ ނަމަ ފަސިންޖަރުންގެ އާއިލާތަކަށް ފުލް ރީފަންޑް ދެވޭނެ،" އެ ކުންފުނީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ބާމިއުޑާ ކްރޫޒް ދަތުރުގެ ކޮންމެ ކެބިންއެއްގެ އަގަކީ 1450 ޕައުންޑް ކަމަށް އެޖެންސީއިން ބުނާއިރު މި ދަތުރަށް ހާއްސަކޮށްފައިވާ ކްރޫޒްއަކީ ގިނަ ހިދުމަތްތަކެއް ލިބޭނެ ކްރޫޒެކެވެ.

ބާމިއުޑާ ޓްރިއޭންގަލްގައި ހިނގާ ހާދިސާތަކަކީ ރޫހާނީ ނުވަތަ އޭލިއަންތަކައްގެ ބާރުން ހިނގާ ހާދިސާތަކެއް ކަމަށް ބައެއް މީހުން ގަބޫލުކުރާއިރު ސައިންސް ބުރަވަނީ އެއީ ދުނިޔޭގެ ދަމާބާރު ނުވަތަ މެގްނެޓިކް ފޯސް އެ ސަރަހައްދުގައި ދަށްވުމުން ކުރިމަތިވާ ހާދިސާތަކެއް ކަމަށެވެ.