އުމުރުން ދުވަސްވަމުންދާ ވަރަކަށް ސިކުނޑީގެ ދުޅަހެޔޮކަން ރައްކާތެރިކޮށް، "ޑިމެންޝިއާ" (ހަނދާން ނެތުމުގެ ބަލި) ޖެހުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކެއް މަޝްހޫރު ނިއުރޯލޮޖިސްޓެއް ކަމަށްވާ ޑރ. އަރުން ޝާހު ވަނީ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ސިކުނޑީގެ ސިއްހަތު ދެމެހެއްޓުމަށް އޭނާ ލަފާ ދެއްވާފައިވާ ވަރަށް އާދައިގެ އަދި ފަސޭހަ ތިން ބަދަލެއް ތިރީގައި މިވަނީ އެވެ.

އެންމެ ފުރަތަމަ ކަމަކަށް، ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމަކީ ސިކުނޑީގެ ދުޅަހެޔޮ ކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މޭވާއާއި ތަރުކާރީގެ ބާވަތްތަކާއި، ފައިބަރު އެކުލެވޭ ކާނާ އަދި ސިކުނޑިއަށް ގެއްލުން ނުވާ ފަދަ ސިއްހީ ގޮތުން ފައިދާހުރި ތެލުގެ ބާވަތްތައް ބޭނުން ކުރުމަކީ ސިކުނޑީގެ ސެލްތައް ރައްކާތެރި ކޮށްދީ، ބަލިތަކުން ދުރު ކޮށްދޭ ކަމެކެވެ.

ދެވަނަ ކަމަކަށް، ގަވާއިދުން ކަސްރަތު ކުރުމަކީ ސިކުނޑިއަށް ލޭ ދައުރުވުން އިތުރުކޮށްދީ، ހަނދާން ބަލިވުމުގެ މައްސަލަތަކުން ސަލާމަތްވުމަށް އޮތް މުހިންމު މަގެކެވެ.

ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ވަރަކަށް ހިނގާލުން ނުވަތަ ޖިސްމާނީ ހަރަކާތްތަކުގައި އުޅުމަކީ ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދީ، އުމުރުން ދުވަސްވީ ކަމުގައި ވިޔަސް ސިކުނޑި ޒުވާންކޮށް ބަހައްޓައިދޭ ކަމެކެވެ.

ތިންވަނަ ކަމަކަށް، ސިކުނޑިއަށް އާ ހިޔާލު ހޯދުމުގެ މަސައްކަތްތަކާއި އާ ކަންކަން ދަސްކުރުމުގެ އާދަ ހިފެހެއްޓުން މުހިއްމެވެ. އެގޮތުން "ޕަޒަަލް" ކުޅުމާއި، އާ ބަހެއް ދަސްކުރުން ނުވަތަ ކިޔުމުގެ އާދަ ގެންގުޅުމަކީ ސިކުނޑީގެ ނާރުތައް ވަރުގަދަ ކޮށްދީ، ޑިމެންޝިއާ ފަދަ ނުރައްކާތެރި ބަލިތަކުން ދުރު ކޮށްދޭނެ ކަމެކެވެ.

އުމުރުން ދުވަސްވާ ވަރަކަށް ޑިމެންޝިއާގެ ނުރައްކާ ބޮޑުވާއިރު ދިރިއުޅުމަށް ގެެނެވޭ ވަރަށް ކުޑަކުޑަ ބަދަލުތަކަކުން އެކަމުގެ ނުރައްކާ ބޮޑުތަނުން ކުޑަ ކުރެވިދާނެ އެވެ.