ބެއިޖިންގް (01 ޖޫން) - ޓައިވާނުގެ ސަރަހައްދެއް ކަމަށްވާ އޮކިނޮޓޮރި އައިލެންޑްގެ ސަރަހައްދަކީ ޖަޕާނަށް މިލްކުވާ ސަރަހައްދެއް ކަމަށް އެގައުމުން ބުނުމާއެކު ޗައިނާއިން އެކަމަށް ރައްދު ދީފި އެވެ.

ޕެސިފިކް ކަނޑުގައި އޮންނަ 200 ނޯޓިކަލް މޭލުގެ އެ ސަރަހައްދަކީ ޓައިވާނާއި ގުއާމް ގުޅޭ ސަރަހައްދެކެވެ. މި ސަރަހައްދަކީ ޖަޕާނުން ޒަމާނުއްސުރެ އެއީ އެގައުމުގެ މިލްކިއްޔާތެއް ކަމުގައި ބުނަމުން އަންނަ ސަރަހައްދެކެވެ.

ޖަޕާނުން މިފަހުން މިކަމާ ގުޅިގެން ނެރުނު ރިޕޯޓަށް ރައްދު ދެމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޝާއޯ ލިޖިއަން ވިދާޅުވީ ޖަޕާނުން ކުރާ ދައުވާއަކީ އެގައުމުގެ އަމިއްލަ އެދުމެއް ފުއްދަން ކުރާ ދައުވާއެއް ކަމަށާއި 700،000 އަކަ ކިލޯމީޓަރުގެ އެ ސަރަހައްދު ޖަޕާނަށް ނިސްބަތްވާ ކަމަށް ބުނުމަކީ ގާނޫނުތަކާ ޚިލާފް ކަމެއް ކަމަށެވެ.

ހަމައެއާއެކު މި ސަރަހައްދުން ޖަޕާނަށް ހައްގުވާ ކަމަށް އެގައުމުން ބުނާ އިގްތިސާދީ ނަފާއާއި ފައިދާތަކަކީ ވެސް ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ދައުވާކުރާ ފައިދާތަކެއް ކަމަށް ޗައިނާއިން ބުނެފައިވެ އެވެ.

އޮކިނޮޓޮރި އައިލެންޑަކީ މީހުން އާބާދުވެފައިނުވާ ފަޅު ސަރަހައްދެކެވެ. ގިނައިން ގަލުން އުފެދިފައިވާ މި ސަރަހައްދު ހިމާޔަތްކުރަން ޖެހާފައިވާ ބޮޑު ގާތަކަކީ ޖަޕާނުން ކޮށްފައިވާ މަސައްކަތެއް ކަމަށް އެގައުމުން ބުނާއިރު އެ އިގްތިސާދީ ސަރަހައްދަކީ ޖަޕާނުގެ މުޅި ބިމަށްވުރެ ވެސް ބޮޑު ސަރަހައްދެކެވެ.

ޓައިވާނުގެ މައްސަލާގައި އޭޝިއާގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި ޒަމާނުއްސުރެ ކޯޅުން ހިނގަމުންދާއިރު ދެ ގައުމުން ވެސް ދަނީ ޓައިވާނުގެ ސަރަހައްދުތަކަކީ އެގައުމުތަކަށް ނިސްބަތްވާ ސަރަހައްދުތައް ކަމަށް ބުނަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ޖަޕާނުން ބުނީ އެގައުުމުން ކުރާ ދައުވާތަކަކީ ސައިންޓިފިކް ހެކިތަކުގެ އަލީގައި ކުރާ ދައުވާތަކެއް ކަމަށެވެ. -- އަލް އަރަބިއްޔާ