ކީވް (01 ޖޫން) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ހިފަން މަސައްކަތްކުރާ ސެވެރެޑޮނެސްކްގައި ނައިޓްރިކް އެސިޑް ބަރުކޮށްފައި އޮތް ޓޭންކަކަށް ރަޝިއާގެ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ އަޒޮޓް ކެމިކަލް ޕްލާންޓްގައި ނައިޓްރިކް އެސިޑް ބަރުކޮށްފައިވާ ޓޭންކް އުޅަނދަކަށް ހަމަލާއެއް އަމާޒުވެ ޖައްވަށް އެސިޑް ބޭރު ވަމުންދާ ކަމަށެވެ.

އެހެން ކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގެއިން ނުނުކުމަށް އޮފިޝަލުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ޒަރޫރީ ކަމެއްގައި ބޭރަށް ނުކުތަސް ފޭސް މާސްކް އަޅަން އިދާރާތަކުން ލަފާދެ އެވެ.

ނައިޓްރިކް އެސިޑްއަކީ ނޭވާލާ ނިޒާމްގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް ވަދެއްޖެނަމަ ނުވަތަ ހަށިގަނޑުގެ ހަންގަނޑުގައި ޖެހިއްޖެ ނަމަ ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރުވާ އެސިޑް އެކެވެ.

"މިވަގުތު ގެއިން ނުނުކުންނާތި!" އެ ސަރަހައްދުގެ ގަވަރުނަރު ކަމަށްވާ ސާޖީ ގައިދީ ޓެލެގްރާމް މެދުވެރިކޮށް އިލްތިމާސް ކުރެއްވި އެވެ.

ރަޝިއާއަށް ވާގިވެރިވާ ވަކި ދައުލަތުގެ އިދާރާތަކުން ބުނާ ގޮތުގައި ޔޫކްރެއިންގެ ކޮންޓްރޯލްގައިވާ ސަރަހައްދަކުން ކެމިކަލް ބަރުކޮށްފައިވާ އުޅަނދެއް ގޮވިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގައި ސެވެރޮޑޮނެސްކްގެ ދެބައިކުޅަ އެއްބައި އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ