ތުންފަތް ކަޅުވެދާނެ ކިތަންމެ ސަބަބެއް ހުރެދާނެ އެވެ. އެކި ކަހަލަ ލިޕްސްޓިކް ބޭނުންކުރުމުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން ކަމުގައިވެސް ވެދާނެ އެވެ. ކޮންމެ ސަބަބަކާހެދި ވިޔަސް މިއީ ލަދުވެތި މީހާގެ ސިފަ ގެއްލުވާލާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ތުންފަތް ކަޅުވާނަމަ ގޭގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ކާށި ތެޔޮ

ލިޕް ބާމްގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ކާށި ތެޔޮ ފޮދެއް ތުންފަތުގައި ހާކާލާށެވެ. ހެނދުނު ހޭލުމަށްފަހުއާއި ނިދަން އޮށޯތުމުގެ ކުރިންވެސް މިކަން ކުރަން އާދަ ކުރާށެވެ.

އަލްމަންޑު ތެޔޮ

ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން އަލްމަންޑު ތެޔޮ ފޮދަކުން، ދެ މިނެޓު ވަންދެން ތުންފަތް މަސާޖު ކުރާށެވެ. މަސާޖުކޮށް ނިމިގެން ތުންފަތުން ތެޔޮ ނުފިލުވުން މުހިއްމެވެ.

ލުނބޯ ހުތާއި މާމުއި

ކުޑަ މާމުއި ފޮދަކާއި ލުނބޯ ހުތްކޮޅެއް އެއްކޮށްލާށެވެ. އަދި ތުންފަތުގައި ހާކާލާށެވެ. ގަޑިއެއްހާ އިރު ވަންދެން ބެހެއްޓުމަށްފަހު މަޑު ފޮތިކޮޅެއް ބޭނުން ކޮށްގެން ފޮހެލާށެވެ.

އަލޯވެރާ

އަލޯވެރާ ފަތުގެ ޖެލްކޮޅެއް ތުންފަތުގައި ހާކާލާށެވެ. އަދި އެ ހިކުމުން ރީތި ފެންފޮދަކުން ދޮވެލާށެވެ. ނިކަން އަވަހަށް ނަތީޖާ ފެނިދާނެ އެވެ.