ށ. ފޭދޫ މީހަކު އޭނާގެ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި އެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލް މެންބަރަކު ވިދާޅުވީ އެ މައުލޫމާތު ލިބިގެން އެރަށު ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް މިރޭ 9:30 ހާއިރު ހާދިސާ ހިނގި ތަނަށް ދިޔަ ކަމަށެވެ.

ކައުންސިލް މެންބަރު ވިދާޅުވީ އެވަގުތު ފުލުހުން ގޮސް އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަނިޔާ ލިބުނު އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލްގެ ރައީސް އަހުމަދު ރައިސަމްގެ ސައިކަލްގައި އެ އަންހެން މީހާ މިރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ދެމަފިރިންގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެގެންނެވެ. އެ ފިރިހެން މީހާ އަކީ މީގެކުރިން ވެސް އަނބި މީހާގެ ގަޔަށް ވަޅި ހަރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.