އަންކާރާ (03 ޖޫން) - ތުރުކީގެ ރަސްމީ ނަން ތުރުކިޔޭއަށް ބަދަލުކުރަން އެ ގައުމުން ހުށައެޅި ހުށައެޅުން އދ.ން ގަބޫލުކޮށް އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.
މިއާއެކު ރަސްމީ ލިޔެކިޔުންތަކާއި އާއްމު ތަންތަނުގައި މީގެ ފަހުން ތުރުކީގެ ބަދަލުގައި ބޭނުން ކުރެވެމުން ދާނީ ތުރުކިޔޭ އެވެ.
ތުރުކީއިން ހުށައެޅި މި ހުށައެޅުމަކީ އެ ގައުމު ރީބްރޭންޑްކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
މި މަސައްކަތްތަކުގެ ދަށުން އެގައުމުން އެކސްޕޯޓްކުރާ މުދަލުގައި "މޭޑް އިން ތުރުކިޔޭ"ގެ ޖެހުމުގެ އިތުރުން މި އަހަރުގެ ކުރީކޮޅު މި ނަމާއެކު ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް ވަނީ ނެރެފަ އެވެ.
ތުރުކީއިން ބުނާ ގޮތުގައި އެ ގައުމުގެ ކުރީގެ ނަމަކީ އިނގިރޭސި ބަހުން ދޫންޏަކަށް ކިޔާ ނަމަކަށްވުމާވެކު އެ ގައުމުގެ ނަމުގެ އަސްލު އެކި ފަހަރު މަތިން އޮޅެމުން ދިޔަ އެވެ. މި ދޫންޏަކީ ނަސާރާއިންގެ ހަފްލާތަކުގެ ކެއުންތަކުގައި އާއްމުކޮށް ބޭނުންކުރާ ދޫންޏެކެވެ.
މިކަމާ ގުޅޭ ގޮތުން އދ. އިން ބުނެފައި ވަނީ އެ ގައުމުގެ ހުށައެޅުން ލިބުުނު ވަގުތުން ފެށިގެން އެ ބަދަލަށް އަމަލު ކުރެވެން ފަށާފައިވާ ކަމަށެވެ.
މި ބަދަލާއެކު ތުރުކީގެ މީޑިއާތަކުން އެ ގައުމުގެ އާ ނަން ބޭނުންކުރަން ފަށާފައިވާ ނަމަވެސް ވަރަށް ގިނައިން އޮޅިގެން ކުރީގެ ނަން ބޭނުން ކުރެވެ އެވެ.
ތުރުކީއަކީ މުޅި ދުނިޔޭގައި ވެސް މަގްބޫލް ފަތުރުވެރިކަމުގެ މަންޒިލަކަށް ވާއިރު އެގައުމުގެ ނަން ބަދަލު ކުރުމަކީ ފަތުރުވެރިކަމަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. -- އަލް އަރަބިއްޔާ