ތެލް އަވީވް (04 ޖޫން) - އެތައް އަހަރެއްގެ ދިރާސާއާއި ޓެސްޓުތަކަށްފަހު ލޭޒާ ޑިފެންސް ސިސްޓަމްއެއްގެ ޕްރޮޓޯޓައިޕް ތައްޔާރު ކުރެވިފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިޒްރޭލުން އަލަށް ތައާރަފްކުރި މި ލޭޒާ ބަޑިއަކީ އެ ގައުމުގެ ވައިގެ ސަރަހައްދަށް އަމާޒުވާ މިސައިލް ރޮކެޓްތަކާއި ޑްރޯން އަދި އެންޓިޓޭންކް މިސައިލްތައް ފާހަގަކޮށް އެތަކެތި ނައްތާލުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމްއެކެވެ.
އެގައުމުގެ އޮފިޝަލުން ބުނީ މި ސިސްޓަމްގެ ޕްރޮޓޯޓައިޕް ކާމިޔާބުކަމާއެކު ޓެސްޓުކޮށް ނިންމާލެވިފައިވާ ކަމަށާއި މި ސިސްޓަމްގެ މަގްސަދު މިހާރުގެ ޕްރޮޓޯޓައިޕްއިން ހާސިލްވާ ކަމަށެވެ.
އިޒްރޭލުގެ ސަރުކާރުން މި ސިސްޓަމް ތަރައްގީކުުރުމަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދުކޮށްފައިވާއިރު ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ މިއީ އެގައުމުގެ އަސްކަރިއްޔާގެ ހިންގުން މުޅިން ބަދަލުކޮށްލާނެ ކަމެއް ކަމަށެވެ.
ލޭޒާ ސިސްޓަމް ފަރުމާކުރުމުގައި ހަަރަކާތްތެރިވި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ ސިސްޓަމްގެ ޕްރޮޓޯޓައިޕް ތައާރަފް ކުރެވުނު ކަމުގައި ވީ ނަމަވެސް އަސްކަރީ އޮޕަރޭޝަންތަކުގައި އެ ބޭނުންކުރަން އަދި އަހަރުތަކެއް ނަގާނެ އެވެ.
އެމެރިކާ ފަދަ ދުނިޔޭގެ އެހެން ބައެއް ބޮޑެތި ބާރުތަކުން ވެސް މިފަދަ ހަތިޔާރެއް ތައާރަފްކުރަން މަސަައްކަތް ކުރަމުން އަންނަ ނަމަވެސް އިޒްރޭލަކީ ސިސްޓަމްގެ ޕްރޮޓޯޓައިޕް ރަސްމީކޮށް ފުރަތަމަ ތައާރަފްކުރި ގައުމުތަކުގެ ތެރެއިން ގައުމެކެވެ.
ލޭޒާ ސިސްޓަމުތައް ރގާއިމު ކުރުމަކީ ގިނަ ގައުމުތަކެއްގެ އަމާޒަކަށް ވެފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ގައުމެއް އެކަމުގައި ކާމިޔާބުވެފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ