މިފަހަކަށް އައިސް އެންމެ ގިނައިން އިވޭ އެއް ޝަކުވާއަކީ ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވާ ވާހަކަ އެވެ. މިކަމަކީ ގޭގައި ކޮށްލެވޭ ވަރަށް ކުޑަ ކުޑަ ކަމަކުން ވެސް ކޮންޓްރޯލް ކުރެވި އަތުންދާ ހަރަދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެކެވެ.
އެގޮތުން ފިނި ފެނުން އަންނައުނު ދޮވުމަކީ ދޮންނަ މެޝިނުން ބޭނުންކުރާ ހަރަދު ކުޑަވާނެ ކަމެކެވެ. ފިނިފެން ބޭނުންކޮށްގެން ދާ އެއްޗިހި ދޮވުމުން އަހަރެއްގެ މައްޗަށް 115 ވަރަކަށް ޑޮލަރު ޖީބަށް ލުއިވެގެން ދާނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެއާއެކު ފޯން ޗާޖަރު ނުވަތަ ލެޕްޓޮޕް ޗާޖާރު ފަދަ ތަކެއްޗަކީ އެއެއްޗިހި ބޭނުންނުކުރެވޭ ގަޑީގައިވެސް ކަރަންޓު ޕޯޓަކަށް ގުޅާފައި އޮވެއްޖެނަމަ ކޮންމެވެސް ވަރަކަށް ކަރަންޓު ބޭނުންކުރާ އެއްޗިއްސެވެ. އެންމެ ރަނގަޅުގޮތަކީ މިފަދަ ތަކެތި ބޭނުންނުކުރާ ވަގުތު ތަކުގައި ކަރަންޓު ޕޯޓުން ނެގުމެވެ.
ގިނަ ދުވަސް ތަކެއް ވަންދެން އޭސީ ސާވިސް ނުކޮށް ހުރުމަކީ އޭގެ ފިލްޓަރުގައި ހިރަފުހާއި ހަޑި ހަރުލާ ކަމެކެވެ. ނަތީޖާއަކަށް ވަނީ ކޮޓަރި ފިިނި ކުރަން އޭސީއިން ބޭނުން ކުރަން ޖެހޭ ކަރަންޓް އިތުރުވެ ހަރަދު ބޮޑުވުމެވެ.
ދެން މިއޮތީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. މޫސުމާއި ގުޅޭގޮތަށް ހެދުން އެޅުމުން ބޭކާރު ކަރަންޓު އިސްރާފުވެގެން ނުދާނެ އެވެ. މިގޮތުން ހޫނު ދުވަހެއްގައި ހުދު ކުލައިގެ ނުވަތަ ގަޔަށް ދޫ އަންނައުނު އިހްތިޔާރުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ސަބަބަކީ ހުދު ކުލައިން އިރުގެ އަލި އަދި ހޫނު އަންނައުނުގައި ހިފެހެއްޓިޔަނުދީ ބޭރުކޮށްދީ ހަށިގަނޑަށް ފިނިކޮށްދޭތީ އެވެ. މިގޮތުގެ މަތިން ފަންކާއާއި އޭސީގެ ބޭނުން ނުކޮށް ފުދޭތީ އެވެ.
މިއީ ކިތަންމެ ކުދި ކުދި ކަންކަން ނަމަވެސް އޭގެ ސަބަބުން ކަރަންޓަށް ކުރާ ހަރަދު އެތައް ގުނައެއް ސަލާމަތް ކޮށްދޭނެ ކަންކަމެވެ.