މެލްބަން (05 ޖޫން) - ޗައިނާ ކަނޑުގެ ސަރަހައްދުން ދަތުރުކުރި އޮސްޓްރޭލިއާގެ އަސްކަރީ މަތިންދާ ބޯޓެއް ޗައިނާގެ ޖެޓަކުން ހުއްޓުވާފައިވާ ކަމަށް އޮސްޓްރޭލިއާގެ ޑިފެންސް ޑިޕާޓްމަންޓުުން ބުނެފި އެވެ.

އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހު ހިނގި މި ހާދިސާގެ ސަބަބުން މަތިންދާ ބޯޓުގައި ތިބި ކަރޫއިންގެ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށެވެ.

ޕީ-8 މޮޑެލްގެ ސާވިއަލެންސް މަތިންދާ ބޯޓުގެ ޗައިނާގެ ޖޭ-16ގެ ޖެޓަކުން ހުއްޓުވާފައިވަނީ ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގައި ކަނޑުގެ މެރިޓައިމް ސާވިއަލެންސް ހަރަކާތެއްގެ ތެރެއިން ކަމަށް އޮސްޓްރޭލިއާގެ އިދާރާތަކުން ބުނެ އެވެ.

"އެ ސަރަހައްދުގައި ސާވިއަލެންސްގެ ހަރަކާތްތައް އަހަރުތަކެއް ކުރިން ފެށިގެން ހިންގަމުންދޭ. އެކަން ކުރެވެމުން ދަނީ ބައިނަލްއަގްވާމީ ގާނޫނު ތަކާ އެއްގޮތަށް" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަން ޗައިނާ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ހާދިސާއާ ގުޅޭ ރިޕޯޓު ވަރަށް އަވަހަށް ޗައިނާއަށް ފޮނުވޭނެ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވެ އެވެ.

ޗައިނާއިން ވަނީ މީގެ ކުރިން ވެސް މިގޮތަށް އޮސްޓްރޭލިއާގެ ވައިގެ އުޅަނދުތަކަށް ހުރަސް އަޅައިފަ އެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ޗައިނާ ކަނޑުގެ ސިފައިންގެ މަނަވަރަކުން އޮސްޓްރޭލިއާގެ މަތިންދާ ބޯޓަކަށް ލޭޒާ އަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. -- ޑެއިލީ މެއިލް