ދިމިޝްގު (07 ޖޫން) - އިޒްރޭލުން ސީރިއާއަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކެއް ސީރިއާގެ ވައިގެ ޑިފެންސް ސިސްޓަމްއިން ހުއްޓުވާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ ސަނާއިން ބުނެފި އެވެ.

އެ މީޑިއާއިން ބުނީ ވެރިރަށް ދިމިޝްގަށް އަމާޒުވި މިސައިލް ތަކުގެ ތެރެއިން ގިނަ މިސައިލްތަކެއް ހުއްޓުވިފައިވާ ކަމަށާއި އެކަމުން ލިބުނު ގެއްލުންތައް ވަރަށް ކުޑަ ކަމަށެވެ.

މި މިސައިލްތައް އަމާޒުވެފައި ލުބްނާނުގެ ހިޒްބުއްލާ އާއި ސީރިއާގެ ސިފައިން ވެސް ހަރަކާތްތެރިވާ ދިމިޝްގުގެ ރަށްބޭރުގެ ސަރަހައްދަކަށެވެ.

އިޒްރޭލުގެ މިސައިލް ހަމަލާތައް ދޭތެރެ ދޭތެރެއިން ސީރިއާއަށް އަމާޒުވާއިރު މިދިޔަ މަހު ވެސް އިޒްރޭލުން ދިން ހަމަލާއެއްގައި ސީރިއާގެ ތިން މީހަކު ވަނީ މަރުވެފަ އެވެ.

2011 ވަނަ އަހަރު ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ވަނީ ސީރިއާއަށް އެތައް ސަތޭކަ ހަމަލާއެއް ދީފަ އެވެ. ގިނަ ހަމަލާތަކުގެ ޒިންމާ ނުނެގި ނަމަވެސް އެކިފަހަރު މަތިން އެގައުމުން ހަމަލާތަކުގެ ޒިންމާ ނަގާފައި ވެސްވެ އެވެ.

އިޒްރޭލުުގެ މައިގަނޑު މަގްސަދަކަށް ވަނީ އެގައުމާއެކު ބޯޑަރު ހިއްސާކުރާ ސީރިއާގައި އީރާނުގެ ބާރުތައް ވަރުގަދަވުން ހުއްޓުވުމެވެ. -- އަލް އަރަބިއްޔާ