ނިދަން އޮވެވޭގޮތަކުން ނިދުމަށް ދިމާވާ އުދަނގޫތަކުގެ ވާހަކަ ނުވަތަ ރަގަނޅަށް ނުނިދޭ ވާހަކައަކީ އަހަރެމެންނަށް އާންމުކޮށް އިވޭ ވާހަކަ އެކެވެ. ނިދަން އޮންނަ ގޮތަކުން އޭގެ އަސަރު ނިދުމަށާއި ތިމާގެ ހަށިގަނޑަށް ވެސް ކުރާނެ އެވެ.

ބަންޑުން އޮވެނިދުމަކީ ގިނަ ބައެއްގެ ކަށީގައި ހިފައިފައިވާ އާދައެއް ނަމަވެސް އެއީ ތިމާގެ ނިދުމަށާއި، ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ބަންޑުން އޮވެ ނިދުމުގެ ސަބަބުން ނޭވާލާން އުދަނގޫވެ ދޭތެރެ ދޭތެރެއިން ނޭވާ ހިނގުން ބަންދުވާގޮތް ދިމާވެ އެވެ. މިހެން ވުމުގެ ސަބަބުން ރޭގަނޑުގެ ނިދި ރަނގަޅަށް ލިބުމަށް ފަހުވެސް މަސައްކަތުގެ ގަޑި ތަކުގައި ވަރުބަލިކަން އިހްސާސް ކުރެވި ކަންނެތް ވާގޮތްވެ އެވެ. ހާއްސަކޮށް "އެސްތުމާ" ހުންނަ މީހުން ބަންޑުން އޮވެ ނިދުމުން އިތުރު މައްސަލަތަކާ ކުރިމަތި ވެދާނެ އެވެ.

ބުރަކަށީގައި ރިއްސުމަކީ ބަންޑުން އޮވެ ނިދުމުން އެންމެ އާއްމުކޮށް ދިމާވާ މައްސަލަ އެކެވެ. ސަބަބަކީ ހަށިގަނޑުގެ މެދަކީ އެންމެ ބުރަ އުފުލާ ހިސާބަށްވެފައި ބަންޑުން އޮތުމުގެ ސަބަބުން ބުރަކައްޓަށް އެއްވެސް ވަރެއްގެ ލުޔެއް ނުލިބުމެވެ. މީގެ އިތުރުން ބަންޑުން އޮވެ ނިދާނަމަ ކަރާއި މައިބަދައަށް ވެސް ތަދުވެ ރިއްސާގޮތް މެދުވެރިވެ އެވެ. އާދަކޮށް މިގޮތަށް ނިދާނަމަ މިފަދަ ތަންތަނުގައި ރިހުން ދާއިމީ ކަމަކަށް ވުމަކީ ކައިރި ކަމެކެވެ.

ބަންޑުން އޮވެ ނިދާއިރު ބޯ އެއްއަރިއަކަށް ބޭއްވުމުގެ ސަބަބުން ކަރަށް ނާރު އެރުންފަދަ ކަންކަން ދިމާވެ ކަރު ލެންބުމަށް އުދަނގޫވެ އެވެ. އަދި ނިދައިން ހޭލުމަށް ފަހު ބޮލުގައި ރިއްސާގޮތް ދިމާވެ ރިހުން ގިނަ ވަގުތު ތަކަކަށް ދެމިގެން ދާ ގޮތްވެ އެވެ.

ބަންޑުން އޮވެ ނިދަން ކިތަންމެ ފަސޭހަ ނަމަވެސް އެކަމުން ލިބޭ ގެއްލުމަށް ބަލައި އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.