ކީވް (11 ޖޫން) - ހަނގުރާމައިގެ ބޯ ވިލާގަނޑެއް ބޯމަތިވެފައި ވަނިކޮށް ޔޫކްރެއިންގެ މެރިއުޕޯލްއިން ކޮލެރާގެ ކޭސްތަކެއް ފެނި އެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

އިނގިރޭސި ވިލާތުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މެރިއުޕޯލްގައި ކޮލެރާ ފެތުރެން ފަށައި އެޕިޑެމިކްއެއް ފެށުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ނަރުދަމާ ނިޒާމަށް ބޮޑެތި ގެއްލުން ތަކެއްވެ މެރިއުޕޯލްގެ މަގުތަކުގައި ނަޖިހާއި ނަޖިސް ފެން ދައުރު ވަމުންދެ އެވެ. ކޮލެރާއަކީ އިންސާނުންގެ ބޮޑުކަމުދާ ތަކެތީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.

ރަޝިއާއިން ފަތަހަ ކޮށްފައިވާ މެރިއުޕޯލްގައި އިންސާނީ ހާލަތު ގޯސްވެފައިވާއިރު އެ ސަަރަހައްދުން އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތައް ލިބެން ނުހުންނަ ކަމަށް ލަންޑަނުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މެރިއުޕޯލްގެ މޭޔަރު ވިދާޅުވީ މިހާރު ކޮލެރާ ފަދަ ނަޖިހުގެ ޒަރީއާއިން ފެތުރޭ ބަލިތައް ފެންނަމުންދާ ކަމަށާއި ހަނގުރާމައިގެ ސަބަބުން ގިނަ ފުރާނަތަކެއް މިހާތަނަށް ވެސް ގެއްލިފައިވާއިރު މިފަދަ ބަލިތައް ފެތުރުމަކީ އިތުރު ފުރާނަތަކެއް ގެއްލިދާނެ ކަމެއް ކަމަށެވެ.

މެރިއުޕޯލްގެ އިތުރުން މިހާރު އެންމެ ވަރުގަދައަށް ހަނގުރާމަ ކުރިއަށްދާ ކެރްސަންގައި ވެސް ސިއްހީ ވަސީލަތްތައް މަދުވެފައިވާ ކަމުގެ ކަންބޮޑުވުން އިނގިރޭސި ވިލާތުން އާއްމުކުރި ރިޕޯޓުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ޔޫކްރެއިންއިން ވަނީ އެގައުމަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދިނުމަށް އދގައި އެދިފަ އެވެ. -- އަލް އަރަބިއްޔާ