ނާގަލޭންޑް (12 ޖޫން) - މިދިޔަ ޑިސެމްބަރު މަހު އިންޑިއާގެ ނާގަލޭންޑްގައި އާއްމު ބައެއްގެ ގަޔަށް ބަޑިޖަހާ މަރާލި މައްސަލާގައި އެގައުމުގެ އަސްކަރިއްޔާގެ 30 ސިފައިންނަށް ދައުވާ އުފުލައިފި އެވެ.

ފުލުހުން ބުނީ ދައުވާ ލިބޭ ސިފައިން ވަނީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް ހަނގުރާމަވެރިން ކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ކުޑަ ކުދިން ތަކެއްގެ ގަޔަށް ބަޑި ޖަހާފައި ކަމަށެވެ.

މިޔަންމާ ބޯޑަރު ކައިރީގައި ހިނގި އެ ހާދިސާގައި ހަ ކުޑަކުދިން މަރުވިއިރު ހާދިސާއަށްފަހު ސިފައިންނާ އާއްމުންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި އިތުރު 8 އާއްމުންނާއި ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.

މި ހާދިސާއަކީ ހަނގުރާމަވެރިންގެ ނުރައްކާ އޮތް ނާގަލޭންޑްގައި ތަކުރާރުކޮށް ހިނގާ މިފަދަ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާ އެވެ.

މިކަމާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާ (އައިއޭއެފް)އިން ވަނީ އާއްމުންގެ ކިބައިން މައާފަށް އެދި މިކަމުގެ ތަހުގީގެއް ހިންގަން އަމުރު ކޮށްފަ އެވެ.

ނަމަވެސް އަސްކަރިއްޔާއާ ދެކޮޅަށް މުޒާހަރާކުރާ އާއްމުން ދަނީ ސިފައިންނަށް ބަޑި ގެންގުޅުމުގެ ބާރުދޭ އަދި އެ ބާރާއެކު ކުރެވޭ އެއްވެސް އަމަލެއްގައި ދައުވާ ނުއުފުލޭނެ ކަމަށް އަސްކަރީ ގަވާއިދުގައި އޮތް އޮތުން ބަދަލު ކުރަން ގޮވާލާ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. -- ބީބީސީ