ނިދުމަކީ ތުއްތު ކުދިންގެ ހެދިބޮޑުވުމަށް މުހިއްމު ކަމަކަށް ވާއިރު ނިދުމުގެ ކޮލިޓީއާއި ހެދިބޮޑުވުމުގެ އަވަސް މިނާ ގުޅުން ހުރިކަން ޑޮކްޓަރުން ބުނެ އެވެ. ދަރިފުޅަށް ރަނގަޅު ނިދި ލިބުމުގައި ނިދަން ބާއްވާ މާހައުލާއި ނިދަން ބާއްވާ ގޮތަކީ ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ކަމެކެވެ.

މިފަހުން ހެދި ދިރާސާއަކުން މިވަނީ ތުއްތު ކުދިން ނިދަން ބޭއްވޭ ގޮތަކުން ވެސް އެކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ހިނގައިދާނެ ކަމަށް ދައްކާފަ އެވެ.

އެމެރިކަން އެކަޑަމީ އޮފް ޕެޑިއެޓްރިކްސް (އޭއޭޕީ)ގެ ސައިންސްވެރިން ކުރިއަށްގެންދިޔަ މި ދިރާސާ އާއި ގުޅޭގޮތުން، ތަޖުރިބާކާރުން ބުނެފައިވަނީ ނިދަން ބާއްވާ ގޮތަކުން އެންމެ ބޮޑަށް ގެއްލުން ލިބެނީ އުފަންވާތާ ގިނަދުވަސް ނުވާ ތުއްތު ކުދިންނަށް ކަމަށެވެ.

އެގޮތުން ބައެއް ފަރާތްތަކުން ތުއްތު ކުދިން ނިންދެވުމަށްޓަކައި އެނދުމަތީގައި މޫނު ވަތަށް ބާއްވާކަމަށާއި، މިކަމުން ކުދިންނަށް ނޭވާލާން ހުރަސް އެޅި ހަށިގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު ދަށްވެ ކުއްލި ގޮތަކަށް މަރުވާން ދިމާވާ ކަމަށް އެފަރާތްތަކުން ބުނެފައިވެ އެވެ.

ހަމަ އެހެންމެ ކުޑަ އެނދުގައި ތުއްތު ކުއްޖާ ނިދަން ބާއްވާއިރު، އެނދުމަތީގައި ގިނަ ބާލީހާއި ކުޅޭތަކެތި ހުރުމުންވެސް، އެކުދިންނަށް ސާފު ވަޔާއި އޮކްސިޖަން ލިބުމަށް ހުރަސް އެޅި ވޭންދެނިވި ނުރައްކާތެރި ޙާލަތްތައް މެދުވެރިވާން ދިމާވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އޭއޭޕީގެ ދިރާސާއިން ހާމަވެފައިވާގޮތުގައި، ނިދަން ބޭއްވޭ ގޮތަކުން ނުވަތަ ނިދާއިރު ނޭވާލާން ހުރަސް އެޅުމުގެ ސަބަބުން ކޮންމެ އަހަރަކު އެމެރިކާއިން އެކަނިވެސް 4000 އާއި ގާތްކުރާ އަދަދަކަށް ތުއްތު ކުދިން މަރުވެ އެވެ. މީގެ ތެރެއިން 20 ޕަސެންޓް ކުދިން މަރުވަނީ ކުދިން ބެލެހެއްޓުމަށް ޙަވާލުކޮށްފައި ހުންނަ މީހެއްގެ އިހުމާލުން ކަން ދިރާސާއިން ވަނީ އެނގިފަ އެވެ.

އެހެން ކަމުން ތުއްތު ދަރިފުޅު ނިދަން ބާއްވާއިރު މިކަންކަމަށް ސަމާލުވުން ވަރަށް މުހިއްމެވެ.