ކޮވިޑް 19ގެ އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު އޮމިކްރޯން ވޭރިއަންޓް ގިިނަ ދުވަހަށް ދެމި ހުރުން ނާދިރު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ކިންގްސް ކޮލެޖުން ހެދި މި ދިރާސާއިން ދައްކާ ގޮތުން އިނގިރޭސި ވިލާތުގައި އޮމިކްރޯން ވޭރިއަންޓް ފެތުރުނު ދުވަސްވަރު، ބަލި ފެތުރުނު މިންވަރު ޑެލްޓާ ވޭރިއަންޓް ފެތުރުނު ދުވަސްވަރާ އަޅާ ބަލާއިރު 20 ޕަސެންޓް ދަށެވެ.

ދިގު މުއްދަތަށް ދެމިގެންދާ ކޮވިޑް ދެތިން މަހަށް ވެސް ދިގުލައިގެން ދާއިރު އެ ބަލީގައި ވަރަށް އާދައިގެ އަލާމާތްތަކުން ފެށިގެން ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ވެސް ދިމާވެ އެވެ.

މި ދިރާސާއަކީ އޮމިކްރޯން ވޭރިއަންޓްގެ ނުރައްކާ އެހެން ވޭރިއަންޓަށް ވުރެ ކުޑަކަން ދައްކައިދިން ފުރަތަމަ ދިރާސާ އެވެ.

އޭގެ އިތުރުން ވެސް އޮމިކްރޯންއިން ރަނގަޅުވުމަށްފަހު ދިގު މުއްދަތަށް ދެމިގެންދާ އަލާމާތްތައް މަދުކަން ވެސް މި ދިރާސާއިން ވަނީ ދައްކާފަ އެވެ.

ކޮވިޑް 19ގެ އެހެން ވޭރިއަންޓްތަކަށް ވުރެ އޮމިކްރޯންގެ ނުރައްކާ ކުޑަވާ ސަބަބު ދެނެގަންނަން އިތުރު ދިރާސާތައްކުރަން ޖެހޭ ކަމަށް މި ދިރާސާކުރި ޓީމުން ބުނެ އެވެ.