ކޮވިޑުން ރައްކާތެރި ކޮށްދޭ ނޭފަތަށް ޖަހާ ބޭހެއް ތައިލެންޑުން އުފައްދާ ތައާރަފް ކޮށްފި އެވެ.

ތައިލެންޑްގެ ސިއްހީ މާހިރުންނާއި ސައިންސްވެރިން ގުޅިގެން އުފެއްދި މި ބޭހަށް އެގައުމުގެ ސަރުކާރުން ވެސް ވަނީ ތައުރީފްކޮށް މަރުހަބާ ކިޔާފަ އެވެ.

ބެންކޮކްގެ ނޫސްތަކުން ބުނީާ ގޮތުގައި މި ޕްރޮޖެކްޓްގައި މަސައްކަތް ކޮށްފައިވަނީ ސިއްހީ ބޭސް އުފައްދާ އަމިއްލަ ފަރާތްތަކަކާއި ސަރުކާރުގެ އޯގަނައިޒޭޝަންއެއް ގުޅިގެން ކަމަށެވެ.

މިފަރާތްތަކުގެ މެދުގައި މިދިޔަ ފެބްރުއަރީ މަހު ސޮއި ކުރެވިގެން ކުރިއަށް ދިޔަ މި މަސައްކަތަކީ ތައިލެންޑްގެ އިޖާދީ ދާއިރާއަށް ލިބުނު ކުރިއެރުމެކެވެ.

މި ބޭހަށް ތައިލެންޑްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ހުއްދަ ލިބިފައިވާއިރު ބައިނަލްއަގްވާމީ ގޮތުން ބޭނުން ކުރުމަށް މި ބޭސް ވަނީ އިންޓަނޭޝަަނަލް އޯގަނައިޒޭޝަން ފޯ ސްޓޭންޑަޑައިޒޭޝަންއަށް ފޮނުވާފަ އެވެ.

ނޭފަތަށް ޖަހާ މި ބޭހުގެ އިތުރުން ވެސް ތައިލެންޑުން ދަނީ އެގައުމުގެ އަމިއްލަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިންވެސް އެގައުމުން ވެކްސިންއެއް އުފައްދާފައިވެ އެވެ.

ތައިލެންޑުގެ ސަރުކާރު އޮފިޝަލަކު ވިދާޅުވީ ތައިލެންޑުގެ ބައޮޓެކްނޮލޮޖީ ދާއިރާގެ ކާމިޔާބީތަކުން ދައްކުވައިދެނީ އެގައުމުގެ ސިއްހީ ދާއިރާގެ ކުރިއެރުން ކަމަށެވެ.