މިހާރަކަށް އައިސް އިތުރުވަމުން އަންނަ ސައިބާ ބުލީންގެ މައްސަލަތައް ހުއްޓުވުގެ ބޭނުމުގައި އޮންލައިންކޮށް މީހަކަށް ފުރައްސާރަކުރުމަކީ އަދަބު ކަނޑައެޅިގެންވާ ކުށެއްކަމުގައި ޖަޕާނުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

ޖަޕާނުގެ ސަރުކާރުން މިފަހުން ފާސްކުރި މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ ހޫނު މޫސުމުން ފެށިގެން ކަމަށް ސަރުކާރުގެ އިދާރާތަކުން ބުނެ އެވެ.

މި ގާނޫނަކީ އެގައުމުގެ ސެލެބްރިޓީއެއް ކަމަށްވާ ހަނާ ކިމުރާ އޮންލައިން ފުރައްސާރައިގެ ޝިކާރައަކަށްވެ އެކަމުގެ ސަބަބުން އޭނާ އަމިއްލައަށް މަރުވުމުން ފާސްކުރި ގާނޫނެކެވެ.

އުމުރުން 22 އަހަރުގެ ކިމޯރާ އަމިއްލައަށް މަރުވީ 2020 ވަނަ އަހަރު އޭނާއަށް ކުރިމަތިވި އޮންލައިން ފުރައްސާރައާ ގުޅިގެން ޑިޕްރެޝަންއާ ހަނގުރާމަ ކުރުމަށް ފަހުގަ އެވެ.

މި ގާނޫނުގެ ދަށުން އެއްވެސް މީހަކަށް އޮންލައިން ފުރައްސާރަ ކޮށްފިނަމަ އެ ފުރައްސާރަކުރާ މީހަކު އެއް އަހަރުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ނުވަތަ 300،000 ޔެން (ގާތްގަނޑަކަށް 2،870 އެމެރިކާ ޑޮލަރު) ން ޖޫރިމަނާ ކުރެވޭނެ އެވެ.