މުދާ އުފުލުމުގެ ތެރޭގައި ބިއްލޫރި ޝީޓުތަކެއްގައި ދަށުވެ އަނެއްކާވެސް ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނ. މާކުރެއްދޫއަށް ސަޕްލައި ދޯންޏެއްގައި ގެންދިޔަ ކޮންޓެއިނަރަކުން މުދާ ހުސްކުރަން އުޅެނިކޮށް ތިން މީހަކަށް އަނިޔާވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ 28 އަހަރުގެ މީހަކަށާއި، 37 އަހަރުގެ މީހަކަށާއި، 38 އަހަރުގެ މީހަކަށެވެ. އެ މީހުންގެ ތެރެއިން އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ 28 އަހަރުގެ ބިދޭސީ މީހާ އެވެ.

މި މަހުގެ 12 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފަ އެވެ.

ކޮންޓެއިނަރަކުން މާބަލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ތާށިވި ދެ މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރެއިން އެކަކު މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.