ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާތީ އާ މުވައްޒަފުން ނުނެގުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ނެރުއްވި "މާލިއްޔަތާ ބެހޭ ސާކިއުލާ" ގައި ވަނީ އަގުތައް އިންތިހާއަށް އުފުލިފައިވާތީވެ، ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަދާޒާކުރި މިންވަރަށް މާ ބޮޑަށް އިތުރުވަމުން ކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވާނަމަ އެ ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ހަރަދު ކުޑަކުރަން ނިންމާފައި ވަނީ ހަތް ދާއިރާއަކުންނެވެ. އޭގެ ތެރޭގައި މުވައްޒަފުންނަށް ހިނގާ ހަރަދުތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެއްވެސް އާ މަގާމެއް އަދި އާ އެލަވެންސް ދިނުން ފަދަ ކަމެއް ނުކުރުމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން އަދި އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތްތައް މަދުކުރުން ހިމެނެ އެވެ.

ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުން ވެސް ހިމެނެ އެވެ. އަދި ސްޓަޑީ ޓުއާ އާއި ޓްރޭނިން ދަތުރުތައް ހުއްޓާލުމުގެ އިތުރުން ޑޮމެސްޓިކް ދަތުރުތައްކުރުމަށް ކުރިއާލާ އެ މިނިސްޓްރީގެ ހުއްދަ ހޯދަން ވެސް ވަނީ އަންގާފަ އެވެ.

އޮފީސް ހިންގުމުގެ ބޭނުމަށް 5،000 ރުފިޔާއަށް ވުރެ އަގު ބޮޑުތަކެތި ގަންނަން އެ މިނިސްޓްރީގެ ހުއްދަ ހޯދުން ވެސް ވަނީ ލާޒިމްކޮށްފަ އެވެ.

އޮފީސް ހިންގަން ބޭނުންވާ ހިދުމަތްތަކުގެ ތެރެއިން އާ ހިދުމަތެއް ތާއާރަފްކުރާއިރު، 5،000 ރުފިޔާއަށް ވުރެ އިތުރަށް ހަދަރުކުރަން ޖެހޭ ނަމަ އެ މިނިސްޓްރީގެ ހުއްދަ ހޯދުމަކީ ވެސް ލާޒިމް ކަމެކެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތައް:

  • ތަމްރީންތަކަށް ކުރާ ހަރަދުތަކުގެ ތެރެއިން މި ވަގުތަށް އާ ސްކޮލަޝިޕްތައް ނުދިނުން
  • ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 5،000 ރުފިޔާ އަށް ވުރެ އިތުރަށް ހިނގާ ޕްރޮގްރާމްތަކަށް މިނިސްޓްރީގެ ހުއްދަ ހޯދުން
  • މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ ތެރެއިން، ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ނޫން މަސައްކަތް ނުކުރުން އަދި އެކަމަށް 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ދާ ނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުން
  • ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތަކުގެ ތެރެއިން، 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުން

މާދަމާއިން ފެށިގެން އެ ފިޔަވަޅުތަކަށް އަމަލުކުރުން ލާޒިމް ވަނީ ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން ހުރިހާ އޮފީސްތަކަށެވެ.