ޔޫތު މިނިސްޓްރީއާ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ގުޅިގެން ރަސްފަންނުގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް އެ ސަރަހައްދު ނުދޭން މާލޭ ސިޓީ ކައުންސިލުން ނިންމުމުން އެ ހަރަކާތް ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމައިފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ މިހާރު ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ކަމަށާއި އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިން ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް، ރަސްފަންނުގައި ހަރަކާތެއް ބާއްވަން ނިންމައި، ރަޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން ހުޅުވާލީ މި މަހުގެ 12 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެ ޕޯސްޓުގައި ޔޯގާ އިން ލިބިދޭ ފައިދާތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެއާއެކު ބައެއް ފަރާތްތަކުން މި ހަރަކާތް ބާއްވާތީ ވަނީ ފާޑު ކިޔާފަ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ގުޅުމުން ވެސް މިއަދު ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީ ފޮނުވާފަ އެވެ.

އެ ސިޓީގައި އެ ޖަމިއްޔާއިން ވަނީ ޔޯގާއަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނާއި ހިލާފަށް ކުރެވޭ ނުރައްކާތެރިކަމެއް ކަމަށް ބުނެފަ އެވެ. އަދި މާދަމާ ޔޯގާ ޑޭ ފާހަގަކުރުމަށް ހިންގޭ ހަރަކާތްތައް ހުއްޓުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމިއްޔާއިން ވަނީ މިނިސްޓްރީގައި އެދިފަ އެވެ.