ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިއްޔެ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް އަންގާފައި ވަނިކޮށް މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ފުޅަނދުބުރު ބޭއްވުމަށް ނިންމައިފި އެވެ.

ފުޅަނދުބުރު ބާއްވާނެ ކަން ހޯމް މިނިސްޓްރީން ބުނެފައިވީ ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ފުޅަނދުބުރުގައި ބޭނުންކުރާ ފުޅަނދުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

މިނިވަން ދުވަހުގެ ފުޅަނދު ބުރަކީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ވާދަވެރިކޮށް ބާއްވަމުން އައިސްފައިވާ ކަމެކެވެ. އެގޮތުން އެއް އޮފީހަށްވުރެ އަނެއް އޮފީހުގެ ފުޅަނދު ބުރު "މޮޅު" ކުރުމަށްޓަކައި ވަރަށް ގިނަ ވަގުތު ދީގެން އޮފީސްތަކުން މަސައްކަތް ކޮށްފައިވެ އެވެ. އަދި މިކަމަށް ބޮޑު ޚަރަދެއްވެސް ހިނގަ އެވެ.

މިއަހަރުގެ މިނިވަން ދުވަހު ފުޅަނދުބުރު ބޭއްވުމަށް ނިންމާފައި މިވަނީ ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. ކޮވިޑް19 އާއި ގުޅިގެން ވޭތުވެދިޔަ ތިން އަހަރު ދުވަހު ފުޅަނދުބުރު ބާއްވާފައެއް ނުވެ އެވެ. ނަމަވެސް ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ލޮޅުންތަކާ ގުޅިގެން ރާއްޖޭގައިވެސް ހަރަދު ކުޑަކުރުމަށް ފިޔަވަޅު ތަކެއް އެޅުމަށް އިއްޔެ އިއުލާން ކޮށްފައިވަނިކޮށެވެ.

ހަރަދު ކުޑަކުރުމަށްޓަކައި ކޮންމެހެން އިތުރު ގަޑި ނަގަން ޖެހޭ ކަމެއްގައި ނޫނީ އޮފީސްތައް ހުޅުވާފައި ނުބެހެއްޓުމަށާއި އާ އެލެވަންސްތަކާއި ޕްރޮމޯޝަންތައް ވެސް ނުދީ ހިފެހެއްޓުމާއި 5،000ރ އަށް ވުރެ މަތިން ހަރަދުކުރާ ނަމަ ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާނުގައިވެ އެވެ.