އަންނަ ޖުލައި މަހު ފެށޭ މިއަހަރުގެ ހައްޖު މޫސުން ކުރިއަށް ދާއިރު މައްކާގެ ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސައޫދީ އަރަބިއާގެ ނެޝަނަލް ސެންޓަ ފޯ މީޓިއޮރޮލޮޖީއިން ބުނެފި އެވެ.
އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ހައްޖު މަހު މައްކާގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވާނެ ކަމަށް ބެލެވޭ ކަމަށާއި ގަދަ ވަޔާއެކު ވެލީގެ ތޫފާނެއް ވެސް އައުން އެކަށީގެންވާ ކަމަށެވެ.
ހައްޖު މަހުގެ ދުވާލުގެ ފިިނިހޫނުމިން އެވްރެޖް ގޮތެއްގައި 43.2 ޑިގްރީ ސެލްސިއަސްގައި އުޅޭނެ ކަމަށް ލަފާކުރެވޭއިރު ރޭގަނޑުގެ އެވްރެޖް ފިނި ހޫނުމިން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 28.8 ޑިގްރީ ސެލްސިއަސްގަ އެވެ.
މައްކާގެ އިތުރުން މަދީނާގައި ވެސް ހައްޖު މޫސުމުގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވާއިރު ވައިގެ ތެތްކަން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ އެންމެ ހަ ޕަސެންޓްގަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރާ ހައްޖާޖީންނަށް ހޫނުގެ އަސަރުކުރާ މިންވަރު ދަށް ކުރުމުގެ ގޮތުން ސައޫދީ ސަރުކާރުން ވަނީ ހަރަމްފުޅާއި ނަބަވީ މިސްކިތުގައި އޮޓޮމެޓިކް ކުޑަ ހަރުކޮށް ހާމަ މައިދާންތަކުގައި ފެން ފަދަ ވަސީލަތްތައް ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ.
އެހެން ނަމަވެސް ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގައި އުޅޭއިރު ހީޓް ސްޓްރޯކްފަދަ ކަންކަން ދިމާވެ ސިއްހީ ފަރުވާ ހޯދަން ޖެހެ އެވެ.