ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދަށް ދީނީ ނަސޭހަތް ދިނުމަށް ދޫކޮށްފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޔޯގާ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފަައިވާ ސަރަހައްދުތަކަށްވަދެ ދައުލާތުގެ މުދަލަށާއި މީހުންނަށް ޝައިޚް ފަޒްލޫނާއި ނިޝާން ގެއްލުންދީފައިވާކަމަށެވެ.

އެ ދެ ބޭފުޅުންގެ ހުއްދަ ހިފެހެއްޓީ ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވި މީހުންނަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގާފައިވާތީ ކަމަށެވެ.

އިސްލާމްދީނުގެ ނަމުގައި މަދު ބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން އިސްލާމް ދީނަށާއި، ދީނީ އިލްމުވެރިންނާ ދިމާލަށް ބަދުބަސް ބުނާކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މަދުބަޔަކުވެގެން ހިންގާ ހަރުކަށި އަމަލުތައް ދީނަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހަމަނުޖެހުމާ ގުޅިގެން ޝައިޚް ނިޝާން ނެރުއްވި ބަޔާނެއްގައި ވަނީ އެ ހަރަކާތަށް ވަޑައިގަތީ ސުލްހަވެރިކަމާއެކު އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އިންތިޒާމްކުރި ޒުވާނުން ދިނުމުން ކަމަށެވެ. އެކަމަކު ޒުވާނުންގެ ލޭކެކި އޭނާ ދެއްވި އިރުޝާދާ ހިލާފަށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގަން ފެށުމުން އެ ހަރަކާތް ނިމުނީ ކަމަށް އިއުލާންކޮށް އެތަނުން ގޮސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.