ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ރޭ ފުލުހުން ހައްޔަރު ކުރި ހަތަރު މީހުގެ ތެރެއިން ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިޚް ނިޝާންއަށް ކްރިމިނަލް ކޯޓުން 7 ދުވަހުގެ މުއްދަތު ޖަހައިފި އެވެ. އަދި ރޭ ހައްޔަރު ކުރި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލާއި އިބްރާހީމް ރައްޒާން (ޓަކީ)އަށް ވަނީ 5 ދުވަހަށް މުއްދަތު ޖަހާފަ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް އެއީ ހަރާމް ކަމެއް ކަމަށް ބުނެ ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ގިނަ ވަނީ ދަނޑަށް ވަދެގަނެ އެތަނުގައި ތިބި މީހުން އެތަނުން ފޮނުވާލައި ހަމަނުޖެހުން ހިންގާފަ އެވެ.

އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ކަރުނަގޭހާއި ޕެޕާ ސްޕްރޭ ބޭނުކޮށް ހަ މީހަކު ހައްޔަރުކޮށް ވަނަވަރުވެސް އާންމުކުރި އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން އޭގެ ތެރެއިން ހަތަރު މީހަކު ދެ މަސްދުވަހަށް ޖަލުގައި ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ބާކީތިބި ދެ މީހުންގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެ ކެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމުގެ ތުހުމަތެވެ. މިގޮތުން ހަރަކާތްތެރިވި ފުލުހުންގެ ބަހާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓު ވަނީ ހެކީގެ ގޮތުގައި އެ މީހުންނާ ދެކޮޅަށް ވަނީ ހުށަހަޅައިފަ އެވެ.