ކޮވިޑް19އާއި ގުޅިގެން މާލެ ލޮކްޑައުންގެ ޙާލަތުގައި ވަނިކޮށް ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކޮށްފައިވާ ބޮޑެތި ޚިޔާނާތްތައް އޯޑިޓް ރިޕޯޓްތަކުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ވެންޓިލޭޓަރުގެ ޚިޔާނާތާއި ޓޫރިޒަމް މިނިސްޓްރީގެ ޚީޔާނާތުގެ މައްސަލަތަކާއި މިފަދަ ގިނަ މައްސަލަތައްވަނީ ފެންމަތިވެފަ އެވެ.

އެންމެ ފަހުން އެމްޕީއެލްގެ ތެރޭގައި ހިންގާފައިވާ ބޮޑު ޚިޔާނާތުގެ މައްސަލައެއް ސޯޝަލް މީޑިއާއަށް ހާމަކުރެއްވީ އެމްޕީއެލްގެ ޗެއާމަން ނަޒާކީ މުހައްމަދު ޒަކީ އެވެ.

އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގައި، އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ނުކުރެއްވުނީތީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވި ކަމަށާއި ހަތަރު މެންބަރުން ނުފެންނަ ކަމަށް ވޯޓުދެއްވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއާއެކު މި ޚިޔާނާތުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޒަކީ މިކަން ހާމަކުރެއްވުމުން އެމްޕީއެލްއިން ވަނީ މިއަދު މިކަމާގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ.

އެބަޔާނުގައި ލޮކްޑައުންގައި އެ ކުންފުންނީގެ އޮޕަރޭޝަންތައް ހިންގި މުއްދަތުގެ ތެރޭގައި، ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. މިމައްސަލައާއި ގުޅިގެން ކުންފުނީގެ އިންޓާނަލް އޮޑިޓަރުން ރިޕޯޓެއް އެކުލަވާލާފައިވާއިރު، އެ ރިޕޯޓުން އިތުރު ކަންތައްތަކެއް ފާހަގަވެ، އިތުރު ތަހުގީގެއް މިހާރު ހިންގަމުންދާކަމަށާއި އެ ތަހުގީގުން ހާމަވެފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެ ހިޔާނާތުގައި ޝާމިލުވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި ކުންފުނިން ހިންގި ތަހުގީގުތަކުން ހާމަވެފައިވާ މައުލޫމާތުތަކުގެ އަލީގައި އެ ހިޔާނާތް އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާއި، އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ގައުމުގެ އިގްތިސާދު ހުއްޓިފައިވަނިކޮށް ޑުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގެ ތެރެއިން ހިންގި އެއް މުއާމަލާތެއްގައި ވެންޓިލޭޓަރުތައް ނުލިބި، ގަވާއިދާ ޚިލާފް އެތައް ކަމެއް ފެންމަތިވެފައިވެއެވެ.

ދުބާއީ ކުންފުންޏަކާ 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަދި މާލިއްޔަތު ގަވާއިދާ ޚިލާފް ކަންތައްތަކެއް ހިނގިކަން އޮޑިޓްރިޕޯޓްތަކުން ހާމަވެ އެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ. އޯޑަރު ކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. އަނެއް 65 ވެންޓިލޭޓަރު ލިބޭނެ ދުވަހެއް އަދި ވެސް ނޭނގެ އެވެ. މީގެ އިތުރުން ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށް ވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ގަނެފައިވާކަން، ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފައިވެ އެވެ. އެގޮތުން އެންޑީއެމްއޭއިން ހަކުރު ކިލޯއެއްވެސް 16ރ އަށް ގަނެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.