ތެހްރާން (24 ޖޫން) - އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް (ގުދުސް ފޯސް)ގެ އިންޓެލިޖެންސް ޗީފް ހަސަން ތާއިބު މަގާމުން ވަކިކޮށް، އާ ފަރާތެއް އެމަގާމަށް އައްޔަން ކޮށްފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި ތާއިބުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކޮށްފައިވަނީ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ކަޒީމީ އެވެ.
ތާއބު މަގާމުން ވަކިކުރި ސީދާ ސަބަބެއް ގުދުސް ފޯސްއިން ޔަގީން ކޮށްދީފައި ނުވި ނަމަވެސް ފަހަކަށް އައިސް އެފޯސްގެ ގިނަ އިސްވެރިންތަކެއް މަރާލާފައިވުމާއި މި ފިޔަވަޅާ ގުޅުމެއްވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ތާއިބަކީ 2009 ވަނަ އަހަރު ގުދުސް ފޯސް އުފެދުނީއްސުގެ އެ ފޯސްގެ އިންޓެލިޖެންސް ޗީފްކަން ކުރަމުން އައި ފަރާތެކެވެ.
އޭނާއަކީ އާއްމުންގެ މަގުބޫލުކަން ލިބިފައިވާ މީގެ ކުރިން އީރާނުގެ ސްޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ދަށުން ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ގުދުސް ފޯސްގެ އިސްވެރިންނަށް ދެމުންދާ ސިލްސިލާ ހަމަލާތަކުގައި އެންމެ ފަހުން މަރުވެފައިވަނީ ގުދުސް ފޯސްގެ ކޮލޮނެލް ސައްޔަދު ޚުދާއީ އެވެ. އޭނާ މަރާލާފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު އޭނާ ދިރިއުޅުއްވާ ގެ ކައިރިން ދިން ބަޑީގެ ހަމަލާއެއްގަ އެވެ.
ޚުދާއީގެ މަރަކީ 2020 ވަނަ އަހަރު އިރާގުގައި ޝަހީދުކޮށްލި ގުދުސް ފޯސްގެ ވެރިޔާ ގާސިމް ސުލައިމާނީގެ ފަހުން މަރާލެވުނު އެ ފޯސްގެ އެންމެ އިސް ވެރިޔާ އެވެ.
ޚުދާއީގެ މަރުގެ ތުހުމަތު އީރާނުން އިޒްރޭލަށް ކުރަމުން ދާއިރު ސުލައިމާނީގެ މަރުގެ ޒިންމާ އީރާނުން އަޅުވަނީ އެމެރިކާއާއި އެގައުމަށް ވާގިދޭ ގައުމުތަކުގެ ބޮލުގަ އެވެ.
ތާއިބުގެ ބަދަލުގައި ގުދުސް ފޯސް އިންޓަލިޖެންސް ޗީފްއަކަށް އައްޔަން ކުރެވުނު ކަޒީމީއަކީ މީގެ ކުރިން އީރާނުގެ ކައުންޓަ އިންޓެލިޖެންސް ޔުނިޓްގެ އިސްވެރިޔާ އެވެ.
ގުދުސް ފޯސްގެ މި ފިޔަވަޅަކީ އީރާނުގެ ސަލާމަތަށް މަސައްކަތްކުރާ އެ ޖަމިއްޔާގެ އެތެރޭގައި ގިނަ މައްސަލަ ތަކެއް ހުރިކަން ދައްކުވައިދޭ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. -- އަލް އަރަބިއްޔާ